10:00


ސިވިލް ސާވިސްގެ އާ ގަވާއިދަށް އަމަލް ކުރުން ފަސްކޮށްދިނުމަށް އެދި މޯލްޑިވްސް ސިވިލްސާވަންޓް އެސޯސިއޭޝަނުން ސިވިލް ސާވިސް ކޮމިޝަންގައި އެދިއްޖެ އެވެ.


ސިވިލް ސާވަންޓުންގެ ޖަމިއްޔާ އިން ބުނީ އެ ގަވާއިދަކީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުން  ފެށިގެން އެކޮމިޝަނުން އަމަލްކުރުމަށް ހަމަޖައްސައި، ކޮމިޝަންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދަށް އަމަލް ކުރުން ފަސްކޮށްދިނުމަށް އެދި އެކޮމިޝަނުން ހުށަހަޅާފައިވަނީ އެ ގަވާއިދަކީ 160 ސަފްހާ އެކުލެވޭ، ވަރަށް ތަފްސީލީ ގަވާއިދަކަށްވާތީއާއި، ގަވާއިދު އަދި ޝާއިއު ކުރެވިފައިވަނީ ހަމައެކަނި އެކޮމިޝަންގެ ވެބްސައިޓްގައި ކަމަށްވާތީއާއި، ގިނަ ރަށްރަށުގައި އިންޓަނެޓްގެ ވަސީލަތްތައް ލިބެންހުރި ގޮތުން، މުވައްޒަފުންނާ ހަމަޔަށް އެ ގަވާއިދު ވާސިލްވެފައިވަނީ ދާދި ފަހުން ކަމަށެވެ. އަދި އެގަވާއިދުގައިވާ މުހިންމު ބައިތަކުގެ މައްޗަށް މުވައްޒަފުން އަހުލުވެރިވުމަށް، އަދި އިތުރު މުއްދަތެއް ބޭނުންވާކަމަށް ވަރަށް ގިނަ މުވައްޒަފުންތަކެއް ވެސް އެއެސޯސިއޭޝަނަށް ހުށަހަޅާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.


މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.