އިންޓަނޭޝަނަލް ކެރަމް ފެޑްރޭޝަން ކަޕްގައި ވާދަކުރާ ގައުމީ ކެރަމް ޓީމްގެ އަމާޒަކީ މުބާރާތުގެ ގަދަ ދޭއްގައި ހިމެނުންކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ކެރަމް އެސޯސިއޭޝަންގެ ނައިބުރައީސް ޢަލީ މާހިރު ވިދާޅުވީ، އެންމެ ފަހުން ބޭއްވި އައިސީއެފް ކަޕްގައި ރާއްޖެއިން އެދެވޭ ވަރުގެ ކާމިޔާބެއް ނުލިބުނު ކަމަށާއި މިއަހަރުގެ އަމާޒަކީ ގަދަ ދޭއްގައި ހިމެނުން ކަމަށެވެ.

އެންމެ ފަހުން 2011 ގައި މެލޭޝިއާގައި ބޭއްވި އައިސީއެފް ކަޕްގައި ރާއްޖޭގެ އަންހެން ޓީމަށާއި ފިރިހެން ޓީމަށްވެސް ލިބިފައިވަނީ ތިން ވަނައެވެ.

މާހިރު ވިދާޅުވީ، އަންހެން ޓީމު މިފަހަރު ވަރަށް އިތުރު ހަރުފަތަކަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އަމާޒަކީ ގަދަ ދޭއްގައި ހިމެނުން ކަމަށެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ނިއުދިއްލީގައި ކުޅުނު ހަތަރު މެޗްގެ ތެރެއިން ތިން މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ.

މާހިރު ވިދާޅުވީ، ރާއްޖެއިން ވާދަކުރީ އިންޑިއާގެ މަތީ ފަންތީގެ ކުޅުންތެރިންގެ ޓީމަކާ ކަމަށެވެ. އެހެންކަމުން އެމެޗްތަކުން މޮޅުވުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ބޮޑު އުންމީދެއް ލިބިގެން ހިނގައްޖެ ކަމަށް މާހިރު ވިދަޅުވިއެވެ.

އައިސީއެފް ކަޕް އޮންނާނީ މިމަހު ހަތަކުން 12 އަށް އިންޑިއާގެ ނިއުދިއްލީގައެވެ.

މުބާރާތުގައި ރާއްޖެއިން އަންހެން ހަތަރު ކުޅުންތެރިނާ ފިރިހެން ހަތަރު ކުޅުންތެރިން ވާދަ ކުރެއެވެ.