ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލުންފަދަ ކަމެއް އިދިކޮޅު ޕާޓީއަކުން ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ޔޫރޫއޯޝިއާ ރިވިއު ފަދަ ބައެއް އޮންލައިން ނޫސްތަކުގައި މުންދު އާއި ހަވާލީދީ ލިޔެފައި ވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކިތައްމެ ގަދަޔަސް އެ މީހުންނަކީ ރައީސް އަށް ހަމަލާއެއް ދޭނެ ފަދަ ބައެއް ނޫންކަމަށެވެ.

މުންދު މި ވަގުތު ހުންނެވީ ރައީސްގެ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާ އާއި ބެހޭ ގޮތުން ބޭރުގެ ފަރާތްތަކާއި ބައިނަލްއަގުވާމީ މީޑިއާ އަށް މައުލޫމާތުދެއްވަމުން ކޮލަމްބޯގައެވެ.

އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުންނަށާއި ރައީސްގެ ބޮޑީގާޑަށާއި ރައީސް އޮފީހުގެ ޕްރޮޓޮކޯލްގެ ބޭފުޅަކަށް އަނިޔާވިއެވެ.

"އެއްވެސް މީހަކު ރައީސް އަވަހާރަކޮށްލަށް އުޅެފާނެ ކަަމަކަށް ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް،" މުންދު ލަންކާގައި ނޫސްވެރިންނާއި ބައްދަލުކޮށް ވިދާޅުވި ކަަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.

މުންދު އިތުރަށް ވިދާޅުވީ ބޮޑަށް ބެލެވެނީ އެއީ އެކްސިޑެންޓެއް ކަަމަށެވެ. ނަމަވެސް މީގެ ކުރިން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވެފައި ވަނީ "އެއްވެސް ކަމެއް ރޫލް އައުޓެއް ނުކުރާނެ، ނުވެސް ކުރެވޭނެ" ކަމަށެވެ.

އެ ހާދިސާއަކީ އެކްސިޑެންޓެއް ކަަމަށް ބެލުވުނު ކަމުގައި ވީނަމަވެސް ވަކިގޮތަކަށް ނިންމެވީ ނޫންކަން މުންދު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްގައި އެއްޗެއް ގޮވި ހާދިސާގައި މެޑަމް ފާތުން އަށް ލިބުނު އަނިޔާ އަށް މިހާރު ވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

އެ ހާދިސާގައި އެކަމަނާގެ މައިބަދައިގެ ހަތަރު ތަނެއްގައި ރެނދުލާފައިވާ ކަމަށް މުންދު ވަނީ ވިދާޅުވެފަ އެވެ.

ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެ މައްސަލަ މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.