އާދަޔާ ޚިލާފަށް ގިނައިން ފެންބުއިމަކީ ހަށިގަނޑުން ސޯޑިޔަމް މަދުވެ ކުއްލިއަކަށް މަރުވުމުގެ ނުރައްކާ ކުރިމަތިވެދާނެ ކަމެއްކަމަށް މިކަމުގެ ދިރާސާތައް ކުރައްވާ ތަޖްރިބާކާރަކު ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިޔާގެ މެލްބަން ޔުނިވަރސިޓީގެ ރިސާޗަރެއް ކަމަށްވާ އެރިކް ސިލް ވިދާޅުވިގޮތުގައި މާގިނައިން ފެންބުއިމަކީ މަދުން ފެންބުއިންފަދަ ހަށިގަނޑަށް ނުރައްކާތެރި ކަމެކެވެ. މަދުން ފެންބުއިމުން ހަށިގަނޑުގައިވާ ސޯޑިޔަމް އިތުރުވެ ހަށިގަނޑުގައި އުފެދޭ ވިހަތައް ބޭރުވުން ލަސްވެ ލޭގެ ސަރކިއުލޭޝަން ފުރިހަމަ ގޮތުގައި ކުރިޔަށް ދިޔުމަށް ހުރަސްއެޅޭއިރު މާގިނައިން ފެންބުއިމަކީ ހަށިގަނޑުގައި ސޯޑިޔަމް މަދުވެ ބޯއެނބުރުމާއި ހޮޑުލެވުމުގެ މައްސަލަ ކުރިމަތިވާނެ ކަމެކެވެ.
މިޙާލަތު މާބޮޑަށް ގޯސްވެއްޖެނަމަ ފުރާނައަށް ނުރައްކާވުމުގެ ބިރާވެސް ކުރިމަތިލާންޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރިކް ސިލް ވިދާޅުވިގޮތުގައި ހަށިގަނޑުގައި ފެންމަދުވެގެން ކުއްލިއަކަށް 7 ލީޓަރުގެ ފެން ބުއި އަންހެނަކަށް ސޯޑިޔަމް މަދުވުމުގެ މައްސަލަ ކުރިމަތިވެގެން ހޮޑުލެވި އަދި އެންމެފަހުން ހޭނެތި ޚަބަރު ހުސްވެގެންދިޔަ ޙާލަތެއް ދާދިފަހުން އޭނާއަށް ފެނުނު ކަމުގައެވެ.

އަދި ރަނގަޅަށް ކަސްރަތު ކުރަމުންދިޔަ ހަތަރު މީހަކުވެސް މާގިނައިން ފެން ބުއިމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔަ ޙާލަތްތަކެއް 2009 ވަނަ އަހަރު ބެއްލެވި ކަމަށް ސިލް ވިދާޅުވިއެވެ.
-- ޑީބީއައި