03 Oct 2015, 14:47
ހަތް ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭން ފަސް އެތުލީޓުން ބައިވެރިކުރަން މޯލްޑިވްސް ބޮޑީބިލްޑިން ފެޑެރޭޝަނުން ނިންމައިފި އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ނޮވެމްބަރު 24-30 އަށް އޮންނަ ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖޭން ބައިވެރިވާ ބޮޑީބިލްޑިން ހޮވުމަށް އިއްޔެ ޕޮލިސް ކުލަބް ޖިމުގައި ބޭއްވި ސިލެކްޝަނުގައި ހަތް ބޮޑީބިލްޑަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރެއިން ފަސް ބޮޑީބިލްޑަރުން ވަނީ ހޮވައިފި އެވެ. އެއީ ހުޝާމް ހަމީދާއި، މުހައްމަދު ޔާމީނާއި، ޝަހީން އިބްރާހިމް ދީދީއާއި، އިބްރާހިމް އަޖްމަލް އަދި ފާލިހް މުހައްމަދެވެ.
ބޮޑީބިލްޑިން ފެޑެރޭޝަނުން ވަނީ މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގެ ޖޫނިއާ ކެޓަގަރީގައި ވެސް ރާއްޖޭގެ ބޮޑީބިލްޑަރުން ބައިވެރިކުރަން ނިންމައިފި އެވެ. މިއީ މި ކެޓަގަރީގައި ރާއްޖޭން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ދެ ޖަޖަކު ވެސް އިންސާފު ކުރާނެ އެވެ. އަދި ޓިމާއެކީ ކޯޗް އަބްދުﷲ ހަސީބާއި މެނާޖަރު އަހްމަދު ނިޒާމް ވެސް ތައިލެންޑަށް ދާނެއެވެ.
މުބާރާތާއެކު ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުގެ ކޮންގްރެސްގައި ރާއްޖޭގެ ފެޑެރޭޝަނުގެ ރައީސް މުހައްމަދު ހަލީމް (ކެސްޓޯ) އާއި ނައިބް ރައީސް އައިޝަތު އަފްރާ އަނާ އަދި ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ރަޝީދު ބައިވެރިވާނެ އެވެ.