03 Oct 2015, 14:51
މިދިޔަ އަހަރު ކަލާފާނު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ޝަހާ ފައިސަލް ހޮވިއްޖެ އެވެ.
ކަލަފާނު ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް ޝަހާއަށް ލިބިފައިވާއިރު އޭނާ ވަނީ މިދިޔަ އަހަރު ޖީސީއީ އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ ދިހައެއްގެ އެއް ވަނައަށް ހޯދާފަ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި 318 ދަރިވަރަކަށް ވަނީ އެކި ދާއިރާތަކުން އިނާމާއި ހަނދާނީ ލިޔުން ލިބިފައެވެ.
އެގޮތުން މިދިޔަ އަހަރު އެ ސްކޫލުން ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު އެ ސްކޫލްގެ ގްރޭޑް ހަތެއްގައި ތައުލީމް ހާސިލްކުރި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރު ހޮވާފަ އެވެ. މިދިޔަ އަހަރު ގެރޭޑް ހަތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވާފައި ވަނީ ފާތިމަތު ޒިޔާދާ ޒާހިރެވެ.
އަދި މިދިޔަ އަހަރު ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެ ސްކޫލަށް ރަން ވަނަ ހޯދައި ދިން ދަރިވަރުންގެ އިތުރުން، ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކުން ވަނަ ވަނައަށް އައި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް އެދަރިވަރުންނަށް ވެސް ރޭގެ ރަސްމިއްޔާތުގައި އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައި ވެއެވެ.