03 Oct 2015, 15:03
ކަށީގެ ސްޕެޝެލިސްޓް ޑޮކްޓަރު ޝާން ޔޫސުފަށް ދައްކަން 1000 އަށް ވުރެ ގިނަ މީހުން އެޕޮއިންޓްމެންޓް ހަދާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުން ބަލާ ދެ ޑޮކްޓަރަަކަށް އެއް ހާހަށް ވުރެ ގިނަ މީހުން އެޕޮއިންޓްމެންޓް ހަދާފައިވާ ކަމަށެވެ. އެއީ ޑރ. ޝާން އާއި އީއެންޓީ ޑޮކްޓަރު ޑރ. ސަޗިން ކަމަށެވެ. ޑރ. ސަޗިން އަށް ދައްކަން އެހާ ގިނަ މީހުން އެދިފައި ވަނީ މިވަގުތު އައިޖީއެމްއެޗްގައި އިންނެވި ހަމައެކަނި އީއެންޓީ ޑޮކްޓަރަކީ އޭނާ ކަަމަށް ވުމުން ކަަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ޑރ. ޝާން މިއަދު ބައްލަވަމުންގެންދަވަނީ 29 ޖުލައިގައި ހަދާފައިވާ އެޕޮއިންޓްމެންޓްތައް ކަމަށް 'ސަން' އަށް ވަނީ އެނގިފައެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ދިވެހި ޑޮކްޓަރުންގެ ތެރެއިން އެންމެ މަދުން ވެސް އެޕޮއިންޓްމެންޓް ހަދާފައިވާ ޑޮކްޓަރުންނަށް ވަނީ 260 ވަރަކަށް އެޕޮއިންޓްމެންޓް ހަދާފައެވެ.
އެންމެ މަދުން އެޕޮއިންޓްމެންޓް ހަދާފައިވާ ބިދޭސީ ޑޮކްޓަރަށް ވަނީ 128 އެޕޮއިންޓްމެންޓް ހަދާފަ އެވެ. ޑޮކްޓަރު ޑިއުޓީގަ އިންނަވާ ކޮންމެ ދުވަހަކަށް އެޕޮއިންޓްމެންޓް ދީފައި ތިބި ވިހި މީހުން ބައްލަވަ އެވެ. އެހެންކަމުން އެއްމެ މަދުން އެޕޮއިންޓްމެންޓް ހަދާފައިވާ ޑޮކްޓަރަށް ދައްކަން ވެސް ހަފްތާއެއް ނަގާނެއެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހަދާ އުސޫލަށް ގެނައި ބަދަލާއި އެކު، ކުރިއާއި ޚިލާފަށް ވަކި އަދަދެއް ނެތި، މިހާރު މީހުން އެދޭވަރަކުން އަބަދުވެސް އެޕޮއިންޓްމެންޓް ދޫކުރައެވެ. އެޕޮއިންޓްމެންޓަށް އެދުމުގެ ފުރުސަތު ވަނީ 24 ގަޑިއިރު ހުޅުވާލާފައެވެ. އައިޖީއެމްއެޗަށް ފޯނުކޮށްގެންނާއި އެސްއެމްއެސް އަކުން ނުވަތަ އައިޖީއެމްއެޗްގެ މޮބައިލް އެޕްލިކޭޝަނުން ވެސް އެޕޮއިންޓްމެންޓް ހެދެއެވެ.