ޓެރަރިޒަމްގެ އަމަލުތަކުން ވެރިންނާއި ރައްޔިތުން ސަލާމަތްކުރެއްވުމަށް އެދި އެއް މަސްވަންދެން ރާއްޖޭގެ މިސްކިތްތަކުގައި ކޮންމެ ނަމާދަކަށް ފަހު ދުއާއެއް ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ. އެ ދުއާކުރަން އަންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ދުއާއަކީ ވަކިކަމެއް ދިމާވެގެން ކުރަން އެންގި ދުއާއެއް ނޫން ކަމަށާއި ރާއްޖެ އަށް އުދަ އެރުމާއި އަދި ޓެރަރިޒަމްގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް ބޮޑުވެފައި ވާތީ ކިޔަން ހަމަޖެއްސި ދުއާއެއް ކަމަށެވެ. އަދި ހާލަތަށް ރިއާޔަތްކޮށްފައި ދުއާ ކުރުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

" ޓެރަރިޒަމް އަކީ މިހާރު ދުނިޔެ އަށް، މިހާރު ހުރިހާ ގައުމަކަށް ވެސް އޮތްކަމެއްދާ ދެއްތޯ. އާއްމު ދުއާއެއް އެއީ." އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

" ނުބައި ރޭވުންތައް ރާވާ މީހުންގެ ރޭވުންތަކުންނާއި ޓެރަރިޒަމްގެ އަމަލުތަކުންނާއި މަކަރުވރިންގެ މަކަރުތަކުންނާއި ހަސަދަވެރިންގެ ހަސަދަތަކުން އަޅަމެންގެ ވަލިއްޔުލްއަމްރާއި ރައްޔިތުންނާއި އަޅަމަންގެ ރާއްޖެ ސަލާމަތްކުރައްވައި ރައްކާތެރިކުރައްވާދޭވެ" އިސްލާމިކް މިނިސްޓްރީން ކުރަން އެންގި ދުއާގައިވެ އެވެ.

މީގެ އިތުރުން ރާއްޖެ އިން ހަސަދަވެރިކަން ފިއްލެވުމަށާއި ރާއްޖޭގެ ކަންކޮޅުތަކުގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަމުގެ ހިޔާވަހިކަން ދެމެހެއްޓުމަށް ވެސް އެ ދުއާގައިވެ އެވެ.

ނަމާދު ފަހުން ދުއާ ކުރާ ގޮތަށް ހަމަޖެއްސީ ބައެއް މުދިމުންނަށް ދުއާ ނޭނގޭތީ ކަމަށާއި ދުއާ އެނގޭ ނަމަ އެއްމެ ރަނގަޅުގޮތަކީ ނަމާދުގެ ފަހު ރަކުއަތުގައި ދުއާކުރުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެ ދުއާ ކުރަން އިސްލާމިކް މިނިސްޓްރީން އަންގާފައިވީ ނަމަވެސް މާލެ އާއި އަތޮޅުތެރޭގެ ބައެއް މިސްކިތްތަކުގައި އެ ދުއާ ނުކުރާކަން ވަނީ އެނގިފަ އެވެ.