26 Mar 2011, 08:54
ބެއިޖިންގ : ޗައިނާގެ ސިވިލްއޭވިއޭޝަން ސެކްޓަރ ވަރަށް މަތީފެންވަރަކަށް ތަރައްޤީ ކުރުމަށްޓަކައި 228 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ޗައިނާ ސަރުކާރުން ނިންމައިފިއެވެ.
ޗައިނާގެ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޑައިރެކްޓަރ ލީ ޖިޔާންޗިންގ ވިދާޅުވިގޮތުގައި 2015 ވަނަ އަހަރު ފެށޭއިރަށް ޗައިނާގައި ކޮމާޝަލް އެއަރޕޯޓްގެ 220 އެއަރޕޯޓާއި ފަސިންޖަރު މަތިންދާބޯޓުގެ 4500 މަތިންދާބޯޓު އޮންނަގޮތަށް ޕްލޭންކުރެވިެގެން މިކަން ބާރުސްޕީޑެއްގައި ތަންފީޒުކުރެވެމުންދާ ކަމުގައެވެ.
ޗައިނާއަކީ ކައިރި މުސްތަޤްބަލެއްގައި ދުނިޔޭގެ އިޤްތިސާދީއެއްވަނަ ބާރުކަމަށް ވެގެންދާނެ ކަމަށް އިޤްތިސާދީ ދިރާސާތަކާއި ލަފާކުރުންތައް ދައްކައެވެ.
މި ބޮޑު ކުރިއެރުމާ އެއްވަރަށް ޗައިނާގެ ސިވިލްއޭވިއޭޝަން ސެކްޓަރ ތަރައްޤީ ކުރުމަށްޓަކައި ކުރިޔަށްއޮތް ތިންއަހަރުބައި ތެރޭގައި 228 ބިލިޔަން ޑޮލަރު އިންވެސްޓްކުރުމަށް ޗައިނާވަނީ ނިންމާފައެވެ.
ޗައިނާގައި މިހާރުއޮތީ 175 މަދަނީ އެއަރޕޯޓާއި 2600 މަދަނީ މަތިންދާބޯޓެވެ. މި މަތިންދާބޯޓުތައް ޙިއްސާކުރަނީ 43 ކުންފުންޏަކުންނެވެ. މީގެތެރެއިން 35 ކުންފުންޏަކީ ޗައިނާ ސަރުކާރުގެ ޕަބްލިކް ކުންފުނިތަކެވެ. އަނެއް 8 ކުންފުންޏަކީ ޗައިނާގެ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކެވެ. -- އަލްޖަޒީރާ