03 Oct 2015, 12:39
ދިވެހިރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ ހުރިހާ މީހުން ހައްޖުގެ އަޅުކަމަށް ފަހު އަނބުރި ރާއްޖެ އަށް އަތުވެއްޖެ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުން ރާއްޖެ އަންނަން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. ހައްޖުވެރިން ރާއްޖެއަށް ގެނައީ މެގަމޯލްޑިވްސް އިންނެވެ.
މެގަމޯލްޑިވްސްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ އެންމެން މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހު ގްރޫޕް ރާއްޖެއަށް ގެނެސްފައި ވަނީ މިއަދު ހެނދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަނާއި މިނާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ އިތުރުން ޒައީ ގްރޫޕްގެ ހަވާލުގައި ހައްޖަށް ދިޔަ 1766 މީހުން ދަތުރުކޮށްފައި ވަނީ މެގަ މޯލްޑިވްސްގެ ހަވާލުގަ އެވެ.
އޮފިޝަލް ވިދާޅުވީ ހައްޖުވެރިން ގެނައުމަށް މެގަމޯލްޑިވްސް އިން ހަ ފްލައިޓެއް ޗާޓަރު ދަތުރުތައް ކޮށްފައިވާ ކަމަށެވެ.
މި އަހަރު ރާއްޖެ އިން ވަނީ 2000 މީހުން ހައްޖަށް ދިޔަ އެވެ. އޭގެ ތެރެއިން ދެމީހަކު ވަނީ ނިޔާވެފަ އެވެ.