03 Oct 2015, 11:46
ފޮތް ކިޔެވުމުގެ އާދަ އަށަގަންނުވައި ރަނގަޅު އަދަބުތަކެއް ދަސްކޮށްދިނުމަށް ޓަކައި ލާލެ ޔޫތު އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި އިންޓަ ސްކޫލު "ބުކް ރީޑިން" މުބާރާތުގެ އެއް ވަނަ އަށް ސީއެޗްއެސްއީގެ އައިމިނަތު ޝައްފާނާ މުހައްމަދާއި އިމާދުއްދީންގެ އަހުމަދު ފައިޒާން ފަޒީލް ހޮވިއްޖެ އެވެ.
އިސްލާމިކް ޔުނިވަސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނަ ވަނައަށް އައި ސްކޫލުތަކުންގެ ދަރިވަރުންގެ ތެރެއިން އެއް ވަނަ އަށް ދިޔަ ދެ ދަރިވަރުންނަށް ވަނީ 5،000 ރުފިޔާ ފައިސާގެ އިނާމެއްދީފަ އެވެ.
މުބާރާތުގެ ދެ ވަނައަށް ތިން ދަރިވަރަކު ވަނީ ގޮސްފަ އެވެ. އެ ތިން ދަރިވަރުންނަށް ވަނީ 4،500 ރުފިޔާ ފައިސާގެ އިނާމެއްދީފަ އެވެ. އަދި ތިން ވަނަ އަށް ވަނީ ހަ ދަރިވަރުން ގޮސްފަ އެވެ. އެ ދަރިވަރުންނަށް ވަނީ 4،000 ރުފިޔާ ފައިސާގެ އިނާމެއްދީފަ އެވެ.
މިދިޔަ މަހުގެ 12ގައި ބޭއްވި އެ މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 20 ސްކޫލަކުން 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން އެ މުބާރާތުގައި މާލޭގެ ގިނަ ސްކޫލުތަކާއި ޏ. ފުވައްމުލަކު ސްކޫލުންނާއި ހިތަދޫ ސްކޫލުންނާއި ފޭދޫ ސްކޫލުންނާއި ވައިކަރަދޫ ސްކޫލުން ވަނީ ބައިވެރި ވެފައިފަ އެވެ.
މުބާތުގައި ބައިވެރިވާ ސްކޫލުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވެފައި ވަނީ މޫސާ ކާޒިމްގެ "އަ ކޮމްޕްރިހެންސިވް ގައިޑް ޓު މެނާސް އެންޑް މޯރަލް އިން އިސްލާމް" ފޮތް ކިޔައިގެންނެވެ.
އެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގްރޭޑް ނުވައަކާއި 10 އާއި 11 އަދި 12 ގެ ދަރިވަރުންނަށެވެ.
އެ މުބާރާތުގައި ކިޔުމަށް ހަމަޖެހިފައި ފޮތް ކިޔުމަށް ފަހު ސުވާލު ޕޭޕަރެއް ހަދާފައިވެ އެވެ. ޖުމްލަ 63 މަލްޓިޕްލް ޗޮއިސް ސުވާލުތައް އެކުލެވޭ އެ ޕޭޕަރު ހެދުމަށް ދީފައި ވަނީ 75 މިނެޓް ކަމަށް މުބާރާތް އިންތިޒާމު ކުރި ފަރާތުން ބުންޏެވެ.