26 Mar 2011, 00:24
އެމްޑީޕީގެ މެނިފެސްޓޯ ދާނުދާގޮތް ބެލޭނެ ނިޒާމެއް ނެތުމުން ރައްޔިތުންގެ ގާތުގައި ސަރުކާރުން ދައްކާނެ މާގިނަ ވާހަކައެއް ދެން ނެތް ކަމަށް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޑރ. އިބްރާހިމް ދީދީ )ޑރ. ޑީޑީ( ވިދާޅުވެއްޖެ އެވެ.
ޑރ. ޑީޑީގެ ކެމްޕޭނު ރަސްމީކޮށް ފެށުމަށް މިރޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯ ދާނުދާގޮތް ބެލުމުގެ ނިޒާމެއް ގާއިމް ކުރެވިފައި ނުވަނީ ޕާޓީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ކަމުން ކަމަށެވެ.
~
"އަޅުގަނޑުމެން މިހަވާލުކުރި މެނިފެސްޓޯ ނުވަތަ ޕްރޮގްރާމްތައް، ކުރިއަށް ދާނުދާގޮތް ޕާޓީގެ ރައީސް (ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ)ގެ ބެއްލެވުމުގެ ދަށުން ކުރިއަށް ދާނޭ އިންތިޒާމްތަކެއް ރޭވިފައި ނެތް ކަން އެއީ ހަގީގަތް. އެހެން ކަމުން އަޅުގަނޑުމެން އިންތިހާބަކާ ކުރިމަތިލާއިރުގަ ރައްޔިތުންގެ ގާތުގައި ދައްކާނެ މާގިނަވާހަކަތަކެއް، ރައްޔިތުންނަށް ވިއްކާނޭ މާގިނަ އެއްޗެއް ނެތް ކަން އެއީ މިއަދުގެ ހަގީގަތް" މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން ފިޝަރީޒް މިނިސްޓަރުކަމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ޑރ. ޑީޑީ ވިދާޅުވި އެވެ.
ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާ ރައީސްގެ ސްޕެޝަލް އެންވޯއި ޒަކީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑީޑީ ވިދާޅުވީ، އެމްޑީޕީގެ ރައީސްގެ މަގާމަށް ވަޑައިގަންނަވަންޖެހޭނީ ޕާޓީއަށް ވަގުތު ދެއްވޭނެ ބޭފުޅަކު ކަމަށެވެ.
"އަޅުގަނޑަކީ ވޭތުވެދިޔަ 30 އަހަރުގެ ހުދުމުހުތާރު އަނިޔާވެރި ވެރިކަމުގެ އެއްވެސް ކަހަލަ ޒައްރެއްގެ މިންވަރު ވެސް ތަޖުރިބާ ވެސް ހުރި މީހެއް ނޫން. އަޅުގަނޑަކީ ރައީސް ނަޝީދު މި ރާއްޖެ އަށް ތައާރަފްކުރެއްވި ޒަމާނީ ޑިމޮކްރަސީގެ ތަޖުރިބާހުރި މީހެއް،" ޑރ. ޑީޑީ ވިދާޅުވި އެވެ.
އަދި ވެރިކަން ކުރާ ޕާޓީއެއްގެ ސިފަ އެމްޑީޕީގައި މިއަދު ނެތް ކަމަށާއި ވެރިކަމުގެ އާރާބާރު ލިބިގެންވާ ޕާޓީއަކަށް އެމްޑީޕީ ހަދާނެ ކަމަށް އޭނާ ވައުދުވެވަޑައިގެންނެވި އެވެ.
ޑރ. ވިދާޅުވާ ގޮތުގައި، ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވައިފައިވަނީ 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ހޮއްވެވުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނަވައިގެން އެމްޑީޕީއަށް ކާމިޔާބު ހޯއްދަވައިދެއްވާނެ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ. އަދި އެމަގާމަށް ކުރިމަތިލެއްވީ ރައީސް ނަޝީދާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕާއި ޕާޓީގެ ގިނަ މެންބަރުންގެ ހިޔާލާއި އިރުޝާދާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.