21 Oct 2015, 16:39
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފައިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ނުވަތަ ބެލަންޑޯ އެވޯޑަށް ވާދަކުރާ 23 ކުޅުންތެރިންގެ ނަންތައް އިއުލާން ކޮށްފިއެވެ.
ފާއިތުވެ ދިޔަ ހަތް އަހަރު އެ އެވޯޑް ހޯދާފައިވަނީ ރޮނާލްޑޯއާއި މެސީ އެވެ. މިފަހަރުވެސް އެ ދެ ކުޅުންތެރިން ހިމަނައިގެން ނަންތައް ޝޯޓުލިސްޓްކުރިއިރު އެންމެ ގިނައީ ސްޕެނިޝް ލީގްގެ ބާސެލޯނާ އަށް ކުޅޭ ކުޅުންތެރިންނެވެ. ބާސާގެ ހަ ކުޅުންތެރިން ހިމެނޭއިރު ވާދަވެރި ރެއާލް މެޑްރިޑްއާއި ޖަރުމަންގެ ބަޔާން މިއުނިކަށް ކުޅޭ ފަސް ކުޅުންތެރިން ވެސް ޝޯޓްލިސްޓް ކުރި ނަންތަކުގެ ތެރޭގައި ހިމެނެއެވެ.
ޝޯޓްލިސްޓްކޮށްފައިވާ ޕްރިމިއާ ލީގްގެ ފަސް ކުޅުންތެރިންގެ ތެރޭގައި މެންޗެސްޓާ ސިޓީގެ ދެ ކުޅުންތެރިންނާއި ޗެލްސީ އަދި އާސެނަލް ކުރެ ކޮންމެ ޓީމަކުން ކުޅުންތެރިއެއް ހިމެނިފައިވެއެވެ.
ޝޯޓްލިސްޓް ކުރި ކުޅުންތެރިންގެ ތެރޭގައި ގިނައީ މިޑްފީލްޑަރުންނާއި ފޯވަޑުންނެވެ. އެ ލިސްޓް ގައި ހިމެނޭ ހަމައެކަނި ގޯލްކީޕަރަކީ ޖަރުމަންގެ މެނުއެލް ނޯޔާ އެވެ. އަދި ހަމައެކަނި ޑިފެންޑަރަކީ އާޖެންޓިނާގެ ހަވިއޭ މަޝެރާނޯ އެވެ.
މީގެއިތުރުން ފީފާއިން ވަނީ، މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ފަރާތްތަށް ވެސް އިއުލާންކޮށްފައެވެ.
އޭގެތެރޭގައި، މިދިޔަ ސީޒަނުގައި ބާސާއަށް ހުރިހާ ތަށްޓެއް ކާމިޔާބުކޮށްދިން ލުއިސް އެންރީކޭ އާއި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އާއި ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި އާސެނަލްގެ ކޯޗު އާސެން ވެންގާ އާއި މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރި ކާލޯ އެންޗެލޯޓީ ހިމެނެއެވެ.
މީގެއިތުރުން، ކޮޕަ އެމެރިކާގެ ތަށި ޗިލިއަށް ހޯދައިދިން ޖޯޖް ސަމްޕައޯލީ އާއި ޕީއެސްޖީގެ ކޯޗު ލޯރެންޓް ބްލޮންކް އާއި ސެވިއްޔާއަށް ޖެހިޖެހިގެން ދެވަނަ ފަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން އުނާއި އެމްރީ އާއި ބަޔާންގެ ކޯޗު ޕެޕް ގާޑިޔޯލާގެ އިތުރުން، އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވެސް ހިމެނެއެވެ.
މި 23 ކުޅުންތެރިންގެ ތެރެއިން އެވޯޑް ހަފްލާއަށް ދާނީ ތިން ކުޅުންތެރިންގެ ނަމެވެ. އެގޮތުން މިލިސްޓުން ތިން ކުޅުންތެރިންގެ ނަން އަންނަ މަހު 30 ވަނަ ދުވަހު ޝޯޓް ލިސްޓުކޮށް އިއުލާން ކުރާނެއެވެ.
އެވޯޑް ލިބޭ ކުޅުންތެރިޔެއްގެ ނަން އިއުލާން ކުރާނީ ސްވިޒަލޭންޑްގެ ޒިޔުރިކްގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.
ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ޝޯޓްލިސްޓްކުރި 23 ކުޅުންތެރިން
- ބާސިލޯނާ އަންދްރެސް އިނިއެސްޓާ (ސްޕެއިން)
- ހަވިއޭ މަޝެރާނޯ (އާޖެންޓީނާ)
- ލިއޮނެލް މެސީ (އާޖެންޓީނާ)
- ނޭމާ (ބްރެޒިލް)
- އީވާން ރަކިޓިޗް (ކްރޮއޭޝިއާ)
- ލުއިސް ސުއަރޭޒް (އުރުގުއޭ)
- ރެއާލް މެޑްރިޑް ގެރެތު ބޭލް (ވޭލްސް)
- ކަރިމް ބެންޒެމާ (ފްރާންްސް)
- ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް)
- ޓޯނީ ކްރޯސް (ޖަރުމަން)
- ހަމޭސް ރޮޑްރިގޭޒް (ކޮލަމްބިއާ)
- ބަޔާން މިއުނިކް އާރްޔެން ރޮބެން (ނެދަލޭންޑްސް)
- ރޮބަޓް ލެވަންޑޮވްސްކީ (ޕޯލެންޑް)
- ތޯމަސް މުލާ (ޖަރުމަން)
- މެނުއެލް ނޯޔާ (ޖަރުމަން)
- އާޓޫރޯ ވިޑާލް (ޗިލީ)
- މެންޗެސްޓާ ސިޓީ ޔާޔާ ޓޫރޭ (އައިވަރީ ކޯސްޓް)
- ސާޖިއާ އަގުއޭރޯ (އާޖެންޓީނާ)
- ކެވިން ޑެބްރޮއިނާ (ބެލްޖިއަމް)
- ކެވިން ޑެބްރޮއިނާ (ބެލްޖިއަމް)
- ޗެލްސީ އެޑިން ހަޒާޑް (ބެލްޖިއަމް)
- ޕީއެސްޖީ ޒްލަޓާން އިބްރަހިމޮވިޗް (ސްވިޑަން)
- ޔުވެންޓަސް ޕޯލް ޕޮގްބާ (ފްރާންސް)
- އާސެނަލް އެލެކްސިސް ސަންޗޭޒް (ޗިލީ)