ކުރުނބާ އަކީ ބައެއް ގައުމުތަކުގައި ހޯދަން ދަތި އެއްޗެކެވެ. ނަމަވެސް ރާއްޖޭގެ ރަށެއްގައި ނަމަ ބަލާލި ކޮންމެ ދިމާއަކުން ކުރުނބާ ރުށްތައް ފެނެ އެވެ. ކުރުނބާ އާންމުކޮށް ރާއްޖޭގައި ބޭނުންކޮށް އުޅެނީ "ވެލްކަމް ޑްރިންކެއް" ގޮތަށެވެ. ނަމަވެސް ކޮންމެ ދުވަހަކު މަދުވެގެން އެއް ކުރުނބާ ނުބޯންވީ ސަބަބެއް ނެތެވެ. މިއީ އޭގެ ފައިދާ އިންސާނާއަށް އިންތިހާއަށް ލިއްބައިދޭ އެއްޗެކެވެ.

އިންސާނާގެ އިމިއުނިޓީ ވަރުގަދަކޮށްދޭ

އިމިއުނިޓީއޭ މި ކިޔަނީ އިންސާނާގެ ގައިގައި ހުންނަ ދިފާއީ ބާރަކަށެވެ. އޭގެ ސަބަބުން ރޯގާތައް ޖެހުމާއި ތަފާތު ބަލިތައް ޖެހުމުން މީހާ ރައްކާތެރިކޮށްދެ އެވެ. އެކި ކަހަލަ ވައިރަސްތަކުގެ ނުރައްކަލުން ސަލާމަތްކޮށްދެނީ އިމިއުނިޓީ އެވެ.

ޑައިޖެސްޓިވް ސިސްޓަމްގެ ސިއްހަތު ރަނގަޅުކޮށްދޭ

ކުރުނބާ އަކީ އޭގައި ގިނަ އަދަދަކަށް ފައިބާ ހިމެނޭ ބުއިމެކެވެ. އިންސާނާގެ ޑައިޖެސްޓިވް ސިސްޓަމަށް ކުރުނބާ އެހީވަނީ އޭގައި ހިމެނޭ ފައިބާގެ ސަބަބުންނެވެ. މިސާލަކަށް ބަނޑު ހިކުން ނުވަތަ އާދަޔާ ހިލާފަށް ފާހާނާއަށް ދެވުން ފަދަ ކަންކަން ދިމާވާ ނަމަ ކުރުނބާ ފެނަކީ އޭގެ ހައްލެކެވެ.

ކިޑްނީއަށް ރަނގަޅު ބުއިމެއް

އާންމުކޮށް ކިޑްނީގެ މައްސަލަތައް ދިމާވަނީ ކުޑަކަމުދިއުމަށް ދަތިވުމުން ނުވަތަ ކުޑަކަމުދެވޭ މިންވަރު މަދުވުމުންނެވެ. އެއީ ކުޑަކަމު ދިއުން މަދުވާ ނަމަ ކިޑްނީއަށް ބާރުބޮޑުވާތީ އެވެ. ކުރުނބާ ފެން ގިނައިން ބޯނަމަ މީހާގެ ކުޑަކަމުދާ ނިޒާމުގެ މައްސަލަތައް ހައްލުކޮށްދީ ކިޑްނީއަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްކޮށްދޭނެ އެވެ.

ބްލަޑް ޕްރެޝާ ނޯމަލްކޮށްދޭ

ލޭމައްޗަށް ދިއުމަކީ ވަރަށްގިނަ މީހުންނަށް ދިމާވާ ކަމެވެކެވެ. އެކަން އެގޮތަށް ދިމާވަނީ ހަށިގަނޑުގައި ހިމެނޭ "އިލެކްޓްރޯލައިޓްސް" ކިޔާ މާއްދާއެއްގެ ސަބަބުންނެވެ. ކޮންމެ ދުވަހަކު ހެނދުނު ކުރުނބާ ފެންތައްޓެއް (އިތުރު އެއްޗެއް އެއަށް އެއްނުކޮށް) ބޯ ނަމަ އެދުވަހަކު ހަށިގަނޑުގެ ބްލަޑް ޕްރެޝާ ނޯމަލް މިންވަރެއްގައި ހިފަހައްޓައިދޭނެ އެވެ.

ހަމުގެ މައްސަލަތަކަށް ފަރުވާއެއް

ހަމުގެ މައްސަލަތަކަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އާންމުކޮށް ހަމަށް ދިމާވާ މައްސަލަތައް، މިސާލަކަށް ބިހިނެގުން ފަދަ ކަންކަން ދިމާވަނީ ހަށިގަނޑުގައި އުފެދޭ ތެޔޮކަމެއްގެ ސަބަބުންނެވެ. މިމައްސަލަ އެންމެ ބޮޑަށް ދިމާވަނީ މޫނަށެވެ. ކުރުނބާ ފެނުގެ ސަބަބުން ގައިގެ ޖަރާސީމުތައް ނައްތާލައި އެގޮތައް އުފެދޭ ތެޔޮތަކުގެ ނުރައްކާ ކުޑަކޮށްދެ އެވެ.

ބަރުދަން ލުއިކުރުމަށް އެހީވެދޭ

ހިކެން މަސައްކަތް ކުރަންހެއްޔެވެ؟ އެހެންވެއްޖެ ނަމަ ބައެއް ގަޑިގަޑީގައި ބަނޑުހައިވާނެ އެވެ. ވަރަށް މީރުއެއްޗެއް ކާލާހިތް ވާނެ އެވެ. އެހެންވެއްޖެ ނަމަ އެފަދަ ވަގުތުތަކުގައި ކުރުނބާ ފެންތައްޓެއް ބޯލާށެވެ. އެއީ އޭގައި ހިމެނޭ ފައިބާގެ ސަބަބުން ބަނޑުހައި ހޫނުކަން ފިލުވައިދޭނެ އެވެ. އެހެންކަމުން ކާއެއްޗެއްސާ ދުރުކޮށްދީ ބަރުދަން ލުއިކުރުމަށް އެހީވެދޭނެ އެވެ.

ކުރުނބާގެ ފައިދާ އެންމެ އެކަށޭނަ ގޮތެއްގައި ލިއްބައިދިނުމަށް ކޮންމެ ދުވަހެއްގެ ރޭގަނޑު ނިދުމުގެ ކުރިން މަދުވެގެން އެއް ކުރުނބާ ބޯލާށެވެ. އެންމެ ރަނގަޅީ ހެނދުނާއި ރޭގަނޑު ކުރުނބައެއް ބޯލުމެވެ.