ވައިޓް ހައުސް (އޮކްޓޯބަރ 3) : ރަޝިޔާއިން ސޫރިޔާއަށްދޭ ވައިގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި މެދުމިނުގެ ޖަމާއަތްތަކަށް ކަމަށާ ނަތީޖާއަކީ އައިއެސް ޖަމާއަތާއި ބައްޝާރުލްއަސަދުގެ ވެރިކަން ވަރުގަދަވެގެން ދިޔުންކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އައިއެސް ޖަމާއަތާ ދެކޮޅަށްކަމަށްބުނެ ރަޝިޔާ އިން ހަމަލާދެމުން ގެންދަނީ އެމެރިކާގެ މަދަދުލިބޭ އަދި އިދިކޮޅު ފަރާތްތަކެއްގެ ގޮތުގައި ބައިނަލްއަގްވާމި މުޖްތަމައުން ވެސް ބަލައިގަންނަ މެދުމިނުގެ ޖަމާއަތްތަކަށް ކަމުގެ ރިޕޯޓްތައް ލިބެމުންދާތީ އެކަމާމެދު އެމެރިކާ ކަންބޮޑުވެފައިވާ ކަމުގަ އެވެ.

ރަޝިޔާ ކުއްލި ގޮތަކަށް ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަތީ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވެއްޓުމުން ސަލާމަތް ކުރުމުގެ އިތުރުން މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ އެއްވެސް ހަރުދަނާކަމެއް ނެތް ނާކާމިޔާބު ސިޔާސަތުތަކުގެ ސަބަބުން ލިބިފައިވާ ރަނުގެ ފުރްސަތުތަކެއްގެ ބޭނުންހިފައިގެން ކަމަށް މުރާސިލުން ބުނެ އެވެ.

ރަޝިޔާ އެގައުމުގެ އަސްކަރީ ބާރާއި ޖެހިލުންކުޑަކަން ދައްކާލުމުގެ އިތުރުން އެމެރިކާގެ ކުރިމަތީގައި ސަލާމަތީ މަޖިލީހުގައި ތަކުރާރުކޮށް ވޯޓޯގެ ބޭނުންކުރަން ފެށުމާ އެކު އެމެރިކާއާވާދަކުރާ ސުޕަޕަވަރެއްގެ ގޮތުގައި އަނެއްކާ ވެސް ވަނީ ރަޝިޔާ ފާޅުވެފަ އެވެ. މިއީ ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާ އެކު އެމެރިކާ ދުނިޔެއަށް އަތްގަދަކޮށް ގަދަބާރު ދައްކައި ދުނިޔޭގެ ފުލުހެއްގެ ބައި އަދާކުރި ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ރަޝިޔާއަށް ކުރަންކެރުނު ކަންތައްތަކެއްނޫނެވެ.

މިއަދު ރަޝިޔާގެ އިތުުރުން ޗައިނާ ވެސް ވަނީ ސަލާމަތީ މަޖިލީހުގައި ސުޕާ ޕަވަރެއްގެ ގޮތުގައި އެމެރިކާއާ ޗެލެންޖް ކުރަން ފަށާފަ އެވެ. މިއާއެކު ވެސް މިދެގައުމާ ދެކޮޅަށް އެމެރިކާއަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އެމެރިކާ އަކީ އަސްކަރީ ގޮތުން ރަޝިޔާއާ ދެކޮޅަށް އެއްވެސް ކަމެއް ކުރެވޭފަދަ ގައުމެއްނޫނެވެ. ސަބަބަކީ ރަޝިޔާއަކީ އެމެރިކާ އާ އެއްވަރުގެ ނިއުކްލިޔަރ ބާރަކަށްވުމެވެ. މީގެ އިތުރުން އެމެރިކާއަކީ އދ. ގައި ވެސް ރަޝިޔާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރު ލިބިފައިވާ ގައުމެއްނޫނެވެ. އަދި ޔުކްރޭންގެ މައްސަލާގައި އެމެރިކާ އާއި ޔޫރަޕުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް ރަޝިޔާ މިހާރު ވަނީ އެކަން މެނޭޖްކޮށް އިގްތިސާދީ ހިންދެމިލައިގެންކަމަށާ ރަޝިޔާއާ ދެކޮޅަށް އެމެރިކާއަށް ދެން އެޅޭނެ ފިޔަވަޅުތަކެއް ނެތްކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

އަނެއްކޮޅުން ރަޝިޔާ އިން ބުނަނީ އެގައުމުގެ ހަމަލާތައް އަމާޒުކުރަނީ ސޫރިޔާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ކަމަށާ ސޫރިޔާގެ ސިޔާސީ އެއްވެސް ފަރާތަކަށް މިހަމަލާތައް އަމާޒު ނުކުރާ ކަމުގައެވެ. އދ.ގެ މައި މަރުކަޒުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވިދާޅުވީ ރަޝިޔާއިންވެސް ހަމަލާތައްދެނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންވެސް ހަމަލާތައް އަމާޒުކުރާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށްކަމުގައެވެ. ރަޝިޔާގެ ހަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކުން ވާގިވެރިވާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ މަރުކަޒުތައް ހިމެނޭކަމަށްބުނެ އެމެރިކާ ކުރާ ތުހުމަތުތަކަށް ލާވްރޯވް އިންކާރު ކުރެއްވި އެވެ. ލާވްރޯވް ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ރަޝިޔާ ހަނގުރާމަ ކުރަން ޖެހުނީ މިހަނގުރާމައިގާ އެމެރިކާ އާއި ހުޅަނގުގެ ބޮޑެތި ބާރުތައް ފޭލްވެ ޓެރަރިސްޓް ޖަމާއަތްތަކުގެ ނުރައްކާ ރަޝިޔާއަށް ވެސް ބޮޑުވެގެން ދިޔުމުގެ ސަަބަބުންކަމުގަ އެވެ.

ރަޝިޔާގެ ވައިގެ ސިފައިން ފުޅާދާއިރާއެއްގައި ސޫރިޔާގައި ހަރަކާތްތެރިވާން ފަށާފައިވާ އިރު ސޫރިޔާއަށް އެއްގަމު ސިފައިން ފޮނުވުމަށް ނިންމާފައިވާކަން ވެސް ރަޝިޔާ އިން ވަނީ އިޢްލާންކޮށްފަ އެވެ. ރަޝިޔާގެ ރައީސް ޕޫޓިން އިއްޔެ ވިދާޅުވި ރަޝިޔާގެ އެއްގަމު ސިފައިން ރަޝިޔާއަށް ފޮނުވި ނަމަވެސް އަދި ވައިގެ މަގުން ބޮންއެޅި ނަަމަވެސް މިކަން ކުރާނީ ހަތަރު މަސް ދުވަހުގެ މުއްދަތަށް ކަމަށާ މިއަށް ވުރެ އިތުރަށް ސޫރިޔާގެ ހަނގުރާމައިގާ ރަޝިޔާ ދެމިނޯންނާނެ ކަމުގަ އެވެ.

އެހެންކަމުން ކުރީގެ ސޮވިއެޓް ޔުނިޔަން އަފްޣާން ހަނގުރާމައިގާ ބަލިވި ގޮތަށް އަދި އެމެރިކާ އަފްޣާނިސްތާނުގައި ބަލިވިގޮތަށް ސޫރިޔާގެ ހަނގުރާމައިގާ ރަޝިޔާ ބަލިވުމުގެ ފުރްސަތު ނޯންނާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)