25 Mar 2011, 17:20
ޓޯކިޔޯ : މިމަހުގެ 11 ވަނަ ދުވަހު ޖަޕާނަށްއައި ބާރުގަދަ ބިންހެލުންތަކާއި ސުނާމީ ބޮޑުރާޅުތަކުގައި މަރުވެ އަދި ގެއްލިފައިވާ މީހުންގެ ޢަދަދު 26 ހާ ހަށްވުރެ އިތުރުވެފައިވާ ކަމަށް އެޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ޖަޕާން ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއް ބުނާގޮތުން މިކާރިޘާގައި 9700 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ގެއްލިފައިވާ މީހުންގެ ޢަދަދުވަނީ 16500 އަށްވުރެ މަތީގައެވެ. ނަމަވެސް މިޢަދަދު އަދިވެސް މަތިވުމުގެ ފުރްސަތު އެބައޮތްކަމަށް މިބަޔާން ބުނެއެވެ.
ޖަޕާނުގެ އުތުރުގެ ސަރަޙައްދުތަކުގެ ބިންގަނޑަށް އިއްޔެވެސް އެތަށްފަހަރަކު ލޮޅުންތައް އަރާފައިވެއެވެ. މީގެ ތެރެއިން އެއްލޮޅުން 6.1 ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ގޮތުގައި ރެކޯޑް ކޮށްފައިވެއެވެ.
އަނެއްކޮޅުން ޖަޕާނުގައި އުފައްދާ ފެނުންނާއި މޭވާއާއި ތަރުކާރީން އިންސާނުންގެ ސިއްޙަތަށް ނުރައްކާތެރި މިންވަރަކަށް ރޭޑިއޭޝަންގެ އަސަރު ފެންނަމުންދާތީ ޖަޕާނުންވަނީ އަވަށްޓެރި ޤައުމުތަކުން މިތަކެތި ގަތުމަށް ބޮޑެތި އޯޑަރުތަކެއް ދީފައެވެ.
ޗައިނާ، ތައިލެންޑް، ފިލިޕީންސް، ދެކުނު ކޮރެޔާ އަދި ޓައިވާނުން ގެންދަނީ ބޯފެނާއި މޭވާއާއި ތަރުކާރީއާއި ލުއިކާނާގެ ބޮޑެތި ޝިޕްމަންޓްތަކެއް ޖަޕާނަށް ފޮނުވުމަށް އަވަސް މަސައްކަތްތަކެއް ކުރަމުން ކަމަށް އެޤައުމުތަކުން ބުނެއެވެ.
ޖަޕާނުގެ ގިނަ ސަރަޙައްދުތައް މިހާރުވަނީ ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ. ވެރިރަށް ޓޯކިޔޯގެ ބާޒާރުތަކުގައިވެސް ކާބޯތަކެތި މަދުކަން ވަރަށްބޮޑަށް ފާހަގަކުރެވޭ ކަމަށް މުރާސިލުންނާ ޙަވާލާދީ ނޫސްއެޖެންސީތައް ބުނެއެވެ.
އަނެއްކޮޅުން ފުކުޝީމާ ނިއުކްލިޔަރ އެކުވެނީގެ ބައެއް ރިއެކްޓަރުތަކުން އަދިވެސް ދަނީ ދުންއަރަމުންނެވެ. މިއެކުވެނީގެ ރިއެކްޓަރތައް އިސްލާހް ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްގެންދާ ކަމަށްވެސް އެޤައުމުގެ ނިއުކްލިޔަރ ސަލާމަތާބެހޭ އެޖެންސީން ބުނެއެވެ. -- ނޫސްއެޖެންސީތައް