03 Oct 2015, 01:06
ސެޕް ބްލެޓާގެ މައްޗަށް ކުރެވިފައިވާ ރިޝްވަތުގެ ތުހުމަތުތަކާގުޅިގެން، ފީފާގެ ރައީސްކަމުގެ މަގާމުން އޭނާ ވަގުތުން އިސްތިއުފާ ދިނުމަށް، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ އެންމެ ބޮޑު ސްޕޮންސަރު ކަމަށްވާ ކޮކާ ކޯލާ ކުންފުނިން ގޮވާލައިފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ބެވަރޭޖް ކުންފުނި ކަމަށްވާ ކޮކާ ކޯލާއިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ފީފާއަށް ދެމެހެއްޓެނިވި ގޮތެއްގައި އިސްލާހީ ބަދަލުތައް ގެނައުމަށް ބްލެޓާ އެ ޖަމިއްޔާގެ ރައީސް ކަމުން އިސްތިއުފާ ދިނުން ވަރަށް މުހިންމު ކަމަށެވެ.
"ފާއިތުވަމުންދާ ކޮންމެ ދުވަހަކު، ފީފާގެ ތަޞައްވުރާއި އަގު ވެއްޓެމުން ދަނީ،" ހުކުރުދުވަހު ކޯކާ ކޯލާ ކުންފުނިން ނެރެފައިވާ ބަޔާނުގައި ވެއެވެ.
ކޮކާ ކޯލާއިން ބުނެފައި ވަނީ، ފީފާއަށް އިސްލާހީ އަވަސް ބަދަކުތަކެއް ބޭނުންވާ ކަމަށާއި އަދި އެކަން ހާސިލްކުރެވޭނެ ހަމައެކަނި ގޮތަކީ، މިނިވަންކަމާއެކު ހެޔޮނިޔަތެއްގައި މަސައްކަތް ކުރުން ކަމަށެވެ.
ބްލެޓާގެ އިސްތިއުފާއަށް ގޮވާލައި ކޮކާކޯލާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ދުނިޔޭގެ އެންމެ ގިނަބައެއްގެ މެދުގައި އެންމެ މަގްބޫލް ކުޅިވަރަކީ ފުޓްބޯޅަ ކަމަށް ވެފައި އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއާ މެދު ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ އިތުބާރު އަލުން ހޯދޭނެ ގޮތަކީ، މިނިވަން ކޮމިޝަނެއް އެކުލަވާލައިގެން އެ ޖަމިއްޔާ އިސްލާހުކުރަން މަސައްކަތްކުރުން ކަމަށް ވާތީއެވެ.

އިނގިރޭސި ވިލަތުގެ މަޝްހޫރު ކޮމޭޑިއަން ލީ ނިލްސަން ފީފާގެ ރައީސް ބްލެޓާއާ ދިމާއަށް އަމާޒުކޮށް "އޮއްސާލި ޑޮލަރުގެ ވާރޭގެ ބައެއް މަންޒަރުތައް" ދައްކުވައިދޭ ފޮޓޯ --- ފޮޓޯ/ ގެޓީ އިމޭޖަސް
ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރު މުބާރާތް ކަމަށްވާ "ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް" ވެސް އިންތިޒާމްކުރާ ޖަމިއްޔާއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަކާ ކުރިމަތި ވެފައިވާ އިރު، ސްވިޒަލޭންޑާއި އެމެރިކާއިން ދަނީ އެ ޖަމިއްޔާއާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީ ކުރަމުންނެވެ. އަދި ސުވިޒަލޭންޑުން މިދިޔަ ހަފްތާގައި ވަނީ ބްލެޓާއާ ދެކޮޅަށް ޖިނާއީ ތަހުގީގުތަކެއް ހިންގަން ހަމަޖެހިފައިވާ ކަން ހާމަކޮށްފައެވެ.
ކޮކާ ކޯލާއާއި މެކް ޑޮނާލްޑް އަދި ވިސާ ފަދަ ކުންފުނިތަކުން ދަނީ މުބާރާތްތައް ބޭއްވުމަށާއި އަދި އެނޫންވެސް ފީފާއާ ގުޅުންހުރި ކަންކަމުގައި އަހަރެއްގެ ތެރޭގައި އެތަކެއް މިލިއަން ޑޮލަރު ހަރަދުކުރަމުންނެވެ.
ފީފާގެ ރައީސް ކަމަށް 1998 އިންތިޚާބު ކުރެވުނު ބްލެޓާ މީގެ ކުރިން ވަނީ، ރައީސް ކަމުން ފީފާގެ ރައީސް ކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ފަސް ވަނަ ދައުރަކަށް ފީފާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ، ސުވިޒަލޭންޑުގެ އުމުރުން 79 އަހަރުގެ ބްލެޓާ އޭރު ވިދާޅުވީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވެންދެން އޭނާ ފީފާގެ ރައީސްކަމުގެ މަގާމުގައި ހުންނަވާނޭ ކަމަށެވެ.