ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގައި ޒަޚަމްވި، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފާތުމަތު މުހައްމަދު ޞާލިހް (ފާތޭ) ފަރުވާއަށް ފަހު އައިޖީއެމްއެޗުން މިއަދު ދޫކޮށްލައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ، ސަންއަށް މިރޭ ވިދާޅުވީ، ފާތޭއަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށްފަހު މިއަދުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

ހައްޖުގެ އަޅުކަމަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު، ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލެ ވަޑައިގަތުމަށް ލޯންޗުކޮޅު އިއްޒުންދީން ފާލަމާ ކައިރިކުރަނިކޮށް އޭގައި ހިނގި ގޮވުމުގެ ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ މައިބަދައާ ގުޅުން ހުރި ކަށިތަކަކަށް ވަނީ ގެއްލުން ވެފައެވެ. އޭގެ އިތުރުން ރައީސްގެ ބޮޑީގާޑު އަބްދުއްނާސިރަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މުއާޒު ވިދާޅުވީ، އެހާދިސާގައި މެޑަމް ފާތުން އަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދާއިރު އެކަމަނާގެ ހާލުކޮޅު އަދިވެސް އެހާ ރަނގަޅު ނޫންކަމަށެވެ.

ލޯންޗުގައި އެއްޗެއް ގޮވުމުގެ ހާދިސާގައި ރައީސްގެ ބޮޑީގާޑު އަބްދުއްނާސިރުގެ ފައި ކަފައިގެން ގޮސް ބައެއް ތަންތަން ފިހިފައި ވާއިރު، އޭނާއަށް ވެސް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

"ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގާ ގުޅުންހުރި ތަކެތި ތަހްލީލުކުރުމަށް ބައެއް ގައުމުތަކަށް މިހާރު ފޮނުވައިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.