02 Oct 2015, 22:51
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް އެ ހާދިސާ ހިނގިވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިންގެ ބަޔާންތައް ނަގަން ފަށައިފި އެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ހަވީރު އޮންލައިންގެ ބައެއް ނޫސްވެރިން ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
ހަވީރު އޮންލައިންގެ ސީނިއާ އެސިސްޓެންޓެ އެޑިޓަރު އަހުމަދު ހަމްދޫން މިރޭ ސަން އަށް ވިދާޅުވީ، އިއްޒުއްދީން ފާލަން ކައިރީ ހޭދަކުރި ވަގުތާއި އެތަނުން އާދަޔާ ޚިލާފު ކަމެއް ފެނުނުތޯ އާއި އެއްޗެއް ގޮވި ވަގުތު ލޯންޗުކޮޅު ތެރެއިން ފެނުނު މަންޒަރާ ބެހޭގޮތުން ތަހުގީގު ޓީމުން ސުވާލު ކުރި ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ހިނގިއިރު ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ނޫސްވެރިން އެތަނުގައި ތިއްބެވެ. ނޫސްވެރިން އެތަނަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިއުސް ކޮންފަރެންސެއް ދެއްވުމަށް ހަމަޖެހިފައިވާތީ ރައީސް އޮފީހުން ދެއްވި ދައުވަތަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށް ސުވާލުކުރަމުން އަންނަ ކަމަށެވެ.
"އެވަގުތު އެތަނުގައި ތިބެ، މަންޒަރު ފެނުނު މީހުންގެ ބަޔާންތައް ނަގަމުން މިދަނީ. އަދި އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަންޖެހޭ މީހުން ހަޒިރުކޮށް ސުވާލު ކުރަންޖެހޭ ފަރާތްތަކާ މިދަނީ ސުވާލު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.