ސިންގަޕޫރުގެ އާ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލަކްރިޝްނާއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޑރ. ވިވިއަން އަށް ދުންޔާ ފޮނުއްވި މެސެޖްގައި އޭނާއަށް މަރުހަބާ ވިދާޅުވުމަށް ފަހު ވިދާޅުވެފައި ވަނީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން، ދެގައުމަށް ވެސް ފައިދާވާ ގޮތަށް އިތުރަށް ބަދަހިކުރެއްވުމަށް އޭނާއާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"...އަޅުގަނޑުމެންގެ ދެގައުމުގެ ދެމެދުގައި މިހާރުވެސް އޮތް ރަހުމަތްތެރި ގުޅުން ، މަނިކުފާނު މަގާމުގައި ހުންނަވާ މުއްދަތުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތެވެ،" މިނިސްޓަރު ދުންޔާގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ސިންގަޕޫރުގެ ރައްޔިތުންނަށް ކުރިއެރުމާއި ޑރ. ވިވިއަން އަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެ މެސެޖްގައި ދުންޔާ ވިދާޅުވެފައި ވެއެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓަރުކަމުގެ މަގާމު ލިބިވަޑައިގެންނެވި ޑރ. ވިވިއަން ބާލަކްރިޝްނަން އަކީ އެގައުމުގެ އެންވަޔަރްމެންޓް އެންޑް ވޯޓާ ރިސޯސަސް މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަމާއި އިންފޮމޭޝަން މިނިސްޓަރުކަމާއި ކޮމިއުނިކޭޝަންސް އެންޑް އާޓްސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.