02 Oct 2015, 19:11
ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި މިއަދު އެމްޑީޕީން މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.
މިއަދު ހަވީރު 4:00 ގައި ރާޅުގަނޑު ސަރަހައްދުން ފެށި ހިނގާލުން 6:00 އެހާކަންހާއިރު ނިންމާލާފައި ވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ.
މިއަދުގެ މުޒާހަރާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންނާއި ޕާޓީއަށް ސަޕޯޓުކުރާ މީހުން ވެސް ބައިވެރިވެފައިވެއެވެ.
ޔުނައިޓެޑް ނޭޝަންގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ގޮވާލެއްވިގޮތަށް ރައީސް ނަޝީދު މިނިވަންކުރުމަށް މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
ހިނގާލުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ބައިނަލްއަގުވާމީ ފަރާތްތަކުން ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން ޖެހޭނީ ކިޔަމަންވާން ކަމަށާއި މި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ޖަލުގައި ހުންނެވީ ޝަރީއަތަތެއް ހިންގުމެއް ނެތި ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލިއެވެ.
އިމްރާން ދޫކޮށްލުމަށް ގޮވާލިއިރު، ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކުރުމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިނިވަންކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.
ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ރައީސް ނަޝީދު ޔުނައިޓެޑް ނޭޝަންސް ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން ހުށަހަޅާފައިވާ މައްސަލާގައި އެ ގްރޫޕުން ސަރުކާރަށް ހުށަހެޅި ކަންކަން ބަލައިނުގަތުމަށް ފޮރިން މިނިސްޓްރީން ވަނީ ނިންމާފައެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ރައީސް ނަޝީދުގެ މައްސަލައަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހިނގަހިނގާ ހުރި މައްސަލައެއް ކަމަށާއި އެހެންކަމުން ރާއްޖޭގެ އެންމެ މަތީކޯޓުން އެ މައްސަލާގައި ގޮތެއް ކަނޑަނާޅަނީސް ޔޫއެންއަށް އެ މައްސަލަ ހުށަހެޅިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.