02 Oct 2015, 15:28
ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދަމަހައްޓާނެ ކަމަށް ސަރުކާރުން ބުނާ ބުނުން ނައިބު ރައީސް އަޙުމަދު ޢަބުދުލް ޣަފޫރު ތަކުރާރުކުރައްވައިފި އެވެ.
ސަޢުދީ ޢަރަބިއްޔާގެ 85 ވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގައި ބިންވަޅުނެގިފައިވާ ސަޢުދީ ޢަރަބިއްޔާގެ ގުޅުމަކީ، ފާހަގަކޮށްލެވޭ ގުޅުމެއް ކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ސަޢުދީ ޢަރަބިއްޔާގެ ގައުމީ ދުވަހުގެ މުނާސަބާގައި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީރުގެ ރަސްކަމުގައި ސަޢުދީ ޢަރަބިއްޔާއަށް ހޯދަމުންދާ ކުރިއެރުމަށް ނައިބު ރައީސް ވަނީ ތައުރީފު ކުރައްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ ދެކަނބަލުން ދާދި ފަހުން މައްކާއަށް ( ޙައްޖަށް) ވަޑައިގެންނެވި އިރު ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށް ޓަކައި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.