ދިވެހިރާއްޖެއާއި އިޓަލީއާ ދެމެދު އެކި ކަންކަމުގައި މިހާރަށްވުރެ ގުޅުންތަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެގައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި އެވެ.

އދ.ގެ އާންމު ޖަލްސާގެ ހަވާސާގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި އިޓަލީގެ ޚާރިޖީ ވަޒީރު ޕައުލޯ ޖެންޓިލޯނީ އިއްޔެ ބައްދަލުކުރައްވައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ ދެމެދުގައި ވާ ދުވަސްވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ވިޔަފާރީގެ މަޝްރޫއުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއެވެ.

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަހަރު ފަހުކޮޅު ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ބައްދަލުވުމުގައި، ބާރުހުރި މުއާހަދާއެއް އެކުލަވައިލުމަށް ގައުމުތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކުގައި ރާއްޖެއާއި އިޓަލީ ގުޅިގެން ކުރެވިދާނޭ ކަންތައްތަކާ ބެހޭގޮތުން ވެސް އެ ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އިއްޔެ އެ ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ދުންޔާގެ އަރިހުގައި، ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަހްމަދު ސަރީރުއާއި ޖޮންއިންޓް ސެކްރެޓަރީ ފަރުޒާނާ ޒާހިރުވެސް ބައިވެރިވެވަޑައިގަތެވެ.