ހިފާފައިވާ ގުދްސު (އޮކްޓޯބަރު 2): އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިއްޔެ ބަޑިޖަހައި މަރާލާފައިވަނީ ޔަހޫދީ ވަޒަންވެރިންގެ ދެމަފިރިން ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއް ބުނިގޮތުގައި މި ދެމަފިރިންނަކީ ހުޅަނގުއައްސޭރީގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށެއްކަމަށްވާ ޔަތްމާރުގައި ދިރިއުޅޭ ބަޔެއެކެވެ. އެދެމަފިރިން މަރާލާފައިވަނީ އެދެމީހުންގެ ހަތަރު ދަރިންނާއެކު ކާރުގައި ހުޅަނގު އައްސޭރީން ދަތުުރު ކުރަނިކޮށް ގޮތްނޭނގޭ ބަޔަކު ބަޑިން ދިން ހަމަލާތަކެއްގައި ކަމަށާއި މިކަމުގެ ފަހަތުގައިވާ ކަމަށް ޝައްކުކުރެވެނީ ފަލަސްތީނުގެ ހަތިޔާރުއެޅި ބައެއްކަަމަށް އިސްރާއީލުގެ ބަޔާން ބުނެއެވެ.

ޔަހޫދީ ވަޒަންވެރިންނަކީ، އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރި ކުރުވާފައިވާ ބައެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ޔަހޫދީން ފަލަސްތީނަށް ގެނެސް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރި ކުރުވުމުގައި އިސްރާއީލުގެ ބޭނުމަކީ މި ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމެވެ.

ޔަހޫދީ ވަޒަންވެރިންނަކީ އިސްރާއީލު ސިފައިންގެ ޙިމާޔަތް ލިބިގެން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގައި ފަލަސްތީނުގެ އާއިލާތައް ޝަހީދުކޮށް ގެދޮރުގައި ހުޅުޖަހައި ފަލަސްތީނު މީހުންގެ ދަނޑުތައް ހަލާކުކުރުންފަދަ ޓެރަރިސްޓް އަމަލުތަކެއް ހިންގަމުން ގެންދާ ހައްދު ފަހަނަޅާފައިވާ ބައެކެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުންވަނީ އިސްރާއީލުގެ ވަޒަންވެރިންގެ ދެމީހުން މަރާލި ފިދާއީ ހަމަލާއަށް މަރްހަބާ ކިޔާފައެވެ.

ހަމާސުން ބުނެފައިވަނީ ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި އެ ބިންތަކުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ ވަޒަންވެރިންނަކީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިން ކަމަށާއި އެއީ މަދަނީ ކުށެއްނެތް ޔަހޫދީން ކަމަށްނުވާތީ އެމީހުން މެރުން ހުއްދަވާނެ ކަމުގައެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެންއުޅޭ ޔަހޫދީ ވަޒަންވެރިންނަށް މިޙަމަލާ ދީފައި މިވަނީ އިސްރާއީލު ސިފައިން، މާތްވެގެންވާ މަޖްސިދުލްއަގްސާގެ ހުރްމަތް ކަނޑައި އެމިސްކިތުގައި އަޅުކަން ކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ހުރަސްއެޅުމުގެ ހަރުކަށި އަމަލުތަކެއް ހިންގަމުން ގެންދާ ދުވަސްވަރެއްގައެވެ. (އަލްޖަޒީރާ)