ޔޫއެފާ ޔޫރޮޕާ ލީގުގައި ލިވަޕޫލްއާ އެފްސީ ސަޔަން ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖައަކުން އެއް ވަރު ވިއިރު ވާދަވެރި ޓޮޓަންހަމް ހޮސްޕާވެސް 1-1ގެ ނަތީޖައަކުން މޮނާކޯއަތުން އެއް ވަރު ވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗްގައި ސަޔަންއިން ލިވަޕޫލާ އެއް ވަރު ކުރީ، މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައި ލިވަޕުލްއިން ލީޑު ނަގާފައި ވަނިކޮށެވެ.

ޑިވޮކް އޮރީޖީ ތަނަވަސްކޮށްދިން ފުރުސަތަކުން ލިވަޕޫލްގެ ލަނޑު ކާމިޔާބު ކުރީ އެޑަމް ލަލާނާއެވެ.

މެޗްގެ ކުރީ ކޮޅުގައި ލިވަޕޫލުން ލަނޑު ޖެހުމުން ގިނަ ބަޔަކު އުންމީދު ކުރީ އެޓީމު ތަފާތު ބޮޑުކޮށް މޮޅުވާނެ ކަމަށެވެ.

ނަމަވެސް ލިވަޕޫލުން ލީޑު ނެގިތާ 15 މިނެޓް ނުވަނީސް މެޗްގެ 17 ވަނަ މިނެޓްގައި ސަޔަންއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެބްނީޒަރު އަޝީފުއާއެވެ.

ރޭގެ މެޗުން އެއް ވަރުވުމުން ލިވަޕޫލްގެ ސަޕޯޓަރުންގެ ފަރާތުން އެޓީމަށް ވަނީ ފާޑުކިއުންތައް ކުރިމަތިވެފައެވެ.

މިހާތަނަށް ކުޅުނު ދެ މެޗްވެސް އެއް ވަރުވެ ލިބުނު ދެ ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލްގެ ދެ ވަނައިގައެވެ.

އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސަޔަންއެވެ.

ލިވަޕޫލާ ވާދަވެރި ޓޮޓަންހަމް ހޮސްޕާ ފްރާންސްގެ ކުރީގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ އެފްސީ މޮނާކޯއާ ކުޅެ އެއްވަރުވިއިރު މޮނާކޯއިން ނަތީޖާ ހަމަހަމަ ކުރީ މެޗްގެ ފަހުވަގުތުގައެވެ.

ޔޫއެފާ ޔޫރޮޕާ ލީގުގައި ޓޮޓަންހަމް ހޮސްޕާއާއި މޮނާ ބައްދަލު ކުރި މެޗްގެ ތެރެއިން --- އޭޕީ ފޮޓޯ/ މާޓް ޑުހަމް

ޓޮޓެންހަމް އިން ލީޑް ނެގީ މެޗްގެ 35 ވަނަ މިނެޓްގައި އެރިކް ލެމާލާ ކަމިޔާބު ކުރި ލަނޑުންނެވެ.

މޮނާކޯއިން އެއް ވަރު ކުރި ލަނޑު ކާމިޔާބު ކުރީ އިޓަލީގެ އޭސީ މިލާންގެ ލޯން އެއް ބަސްވުމުގެ ދަށުން މޮނާކޯއަށް ކުޅެމުން ގެންދާ މިސްރަށް އުފަން އިޓަލީގެ ރައްޔިތެއް ކަމައްވާ ސްޓެފަން އަލް ޝަރާވޭ ނުވަތަ ކަރީމް ޝައުރާވީއެވެ.

ރޭގެ މެޗް އެއް ވަރު ވިނަމަވެސް ލިބުނު ޕޮއިންޓާއެކު ޖުމުލަ ހަތަރު ޕޮއިންޓް ލިބިގެން ޓޮޓަންހަމް އޮތީ ތާވަލްގެ އެއް ވަނައިގައެވެ.

ދެ ވަނައިގައި އޮތީ ފުރަތަމަ މެޗްގައި ޓޮޓެންހަމް އަތުން ބަލިވި އާޒަރުބައިޖާންގެ އެފްކޭ ކަރަބާކްއެވެ.

މޮނާކޯ އޮތީ ދެ ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ.

ރޭ ކުޅުނު ވަރުގަދަ އެހެން މެޗްތަކަށް ބަލާލާއިރު އިޓަލީގެ ކުރީގެ ފުޓްބޯޅައިގެ ގަދަބާރު ލާޒިއޯވަނީ ފްރާންސްގެ ސެއިންޓް އެޓާންގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފައެވެ.

ކުރިން ޔޫއެފާ ޗެމްޕިއަންސްލީގްގެ ވަރުގަދަ ބާރުތައް ކަމައްވާ ހޮލެންޑްގެ އަޔެކްސްއާ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑު ކުޅުނު މެޗް ވަނީ އެއް ވަރު ވެފައެވެ.

ނަމަވެސް ޝާލްކޭ ވަނީ ގްރީސްގެ އެސްޓަރޫސް ޓްރިޕްލިސްއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފައެވެ.