02 Oct 2015, 12:19
ރޯޒްބާގް، އޮރިގަން، (އޭޕީ) - އެމެރިކާގެ އޮރިގަންގެ ރަށްފުށު ހިސާބެއްގައި ހުރި ކޮލެޖަކަށް މީހަކު ބަޑިން ހަމަލާދީ ނުވަ މީހުން މަރާލައިފިއެވެ.
ކޮލެޖަށް ބަޑިން ހަމަލާދިން މީހާ ފަހުން ވަނީ އެމެރިކާ ފުލުހުންނާއި އެކު ބަދަލުކުރި ހަމަލާތަކެއްގައި މަރުވެފައިވާ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބަޑިޖެހުމުގެ ހާދިސާއަށް ފަހު ފުލުހުން ކޮލެޖް ދަރިވަރުންތަކެއް ބަލައި ފާސްކުރަނީ. ފޮޓޯ: އޭޕީ
ހާދިސާއިން ސަލާމަތްވީ މީހަކު ބުނީ، ކޮލެޖްގައި ތިބި މީސްމީހުންގެ ދީނަކީ ކޮބައިތޯ ހަމަލާދިން މީހާ ސުވާލުކޮށްފައިވާ ކަމަށެވެ.
ބަޑިން ހަމަލާ ދިނީ އުމުރުން 26 އަހަރުގެ ކްރިސް ހާޕަރް މާސަރް ނަމަކަށް ކިޔާ މީހެއް ކަމަށް ނަން ހާމަ ނުކުރާ އެމެރިކާ އޮފިޝަލަކު ވަނީ ބުނެފައެވެ.
އެމެރިކާ ފުލުހުން ބުނީ އޮރިގަންގެ ރޯޒްބާގް ނަމަކަށް ކިޔާ އަވަށުގައިވާ އުމްޕްކުއާ ކޮމިއުނިޓީ ކޮލެޖްގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި 10 މީހުން މަރުވެ، ހަތް މީހުން ޒަހަމްވި ކަމަށެވެ. އެފްބީއައިގެ ތަރުޖަމާނަކު ބުނީ މަރުވި މީހުންގެ އަދަދު 10 އަކަށް އަރަނީ ހަމަލާ ދިން މީހާ ވެސް ހިމަނައިގެން ކަމަށެވެ.