އިނގިރޭސިވިލާތުގެ ސިޓީ އެއް ކަމަށްވާ ކެމްބްރިޖް ގައި ހުންނަ ހާޑުވެއާ ފިހާރައަކުން ވައްކަންކުރި ބަދުނަސީބު ވަގަކު އޭނާ ވައްކަންކުރި މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް ބޭނުންކޮށް އެ ފިހާރައިގެ މުވައްޒަފުން އޭނާ އަށް އިންޒާރު ދިނުމުގެގޮތުން ހަދާފައިވާ ޕޯސްޓަރެއްގެ ޝަކުވާކުރަން ޕޮލިސް ސްޓޭޝަނަކަށް ދިޔަތަނުން ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ.

ކެމްބްރިޖް އަށް ނިސްބަތްވާ ނިކޮލަސް އެލެގްރެޓޯ ނަމަކަށްކިޔާ މި ވަގުކަލޭގެ ވަގަށް ނެގީ 23 ބްރިޓިޝް ޕައުންޑް ގެ އަގަށް އެ ފިހާރައިގައި ވިއްކަން ހުރި އިންޑަސްޓްރިއަލް މެގްނެޓެކެވެ.

އެ ފިހާރައިގެ މުވައްޒަފުންނަށް ވަނީ ނިކޮލަސް އެ މެގްނެޓު ޖީބަށް ލީ ތަން ފެނިފައެވެ.

ފިހާރައިގެ ވެރިމީހާ ނީލް މެކްކޭ ބީބީސީ އަށް ދިން އިންޓަވިއު އެއްގައި ބުނިގޮތުގައި އެ ފިހާރައިގެ މުވައްޒަފުން ވަނީ މަގުމަތިން ނިކޮލަސް އަތުލައިގަނެފައެވެ. އަދި ފުރަތަމަ ވައްކަންކުރިކަމަށް ދެކޮޅުހެދި ނިކޮލަސް އިރުކޮޅަކުން ޖީބުން މެގްނެޓު ނަގައި ފިހާރައިގެ މުވައްޒަފުންނާ ހަވާލު ކުރިއެވެ. "އަދި އޮލިމްޕިކް ފެންވަރަށް ދުއްވައިގަތެވެ."

ފިހާރައިގެ މުވައްޒަފުން ވަނީ ނިކޮލަސް ގެ ފޮޓޯ އެ ފިހާރައިން ވައްކަންކޮށްފައިވާ މީހުންގެ ފޮޓޯ ބޭނުންކޮށް ހަދާފައިވާ ފޮޓޯ ގެލަރީ އަކަށް އިތުރު ކޮށްފަ އެވެ. އެ ގެލަރީގެ މަގްސަދަކީ އެ ފިހާރައިގެ މުވައްޒަފުންނަށް އެ ވަގުންގެ މޫނު ދެނެގަންނަން އިނގޭނެކަން އަންގައިލުމެވެ.

ނީލް ބުނިގޮތުގައި ގެލެރީ އަށް ނިކޮލަސްގެ ފޮޓޯ އިތުރުކުރުމުގެ ކުރިން ވާނީ ކާކުކަން ވަކިނުވާގޮތަށް މޫނުމަތީ ފަލަ ރޮނގުތަކެއް ދަމާފަ އެވެ.

ކޮންމެއަކަސް އެ ފޮޓޯ ވަނީ ސޯޝަލް މީޑިޔާގައި ވަރަށް ގަދަޔަށް ހިނގާފައެވެ. ނޫހަކަށް ވެސް އެ ފޮޓޯ އެރިއެވެ.

މިކަން އެނގިގެން ނިކޮލަސް ޕޮލިސް ސްޓޭޝަނަށްގޮސް ފުލުހުން ކައިރީ އެ ފޮޓޯ ގެ ސަބަބުން އޭނާގެ އާއިލާ މެމްބަރުންނަށް މީހުން ފުރައްސާރަ ކުރަމުންދާ ކަމާއި އޭނާގެ ވަޒީފާވެސް ގެއްލިފައިވާކަމުގެ ޝަކުވާ ކުރިއެވެ. އަދި އެކަމުގެ ސަބަބުން އަބުރު ގެއްލިފައިވާ ކަމަށް ވެސް ނިކޮލަސް ބުންޏެވެ.

"އަހަންނަށް ގަބޫލެއްވެސް ނުކުރެވުނު އޭނަ ޕޮލިސް ސްޓޭޝަނަށް ގޮސް އަމިއްލަ އަށް ބޭޒާރު ވި ވާހަކަ އަޑުއިވުނީމަ. ހިނި ނައިއްޔާ ދެރަ ތާ،" ނީލް ބުންޏެވެ.

ބުދަ ދުވަހު އޮތް އެ މައްސަލައިގެ ޝަރީއަތުގެ ފަހު އަޑުއެހުމަށް ނީލް ދިޔައެވެ. އެކަމަކު ނިކޮލަސް އެއް ނުދެއެވެ.

"ވަކީލު އޭނަ އަމިއްލަ އަށް ބޭޒާރުވި ގޮތުގެ ވާހަކަ ކިޔައިދިންއިރު މުޅި ކޯޓުތެރެ ހުނުމުގެ އަޑުން ގުގުމައިގެން ދިޔަ،" ނީލް ބުންޏެވެ.

ޝަރީއަތުގައި ނިކޮލަސް ކުށަށް އިންކާރު ކުރިނަމަވެސް ގާޒީ ވަނީ ކުށް ސާބިތުވާކަމަށް ނިންމާފަ އެވެ. އޭނާ ވަނީ 400 ބްރިޓިޝް ޕައުންޑް ގެ އަދަދަދަކަށް ޖޫރިމަނާ ކޮށްފަ އެވެ.