02 Oct 2015, 11:12
ދިވެހިރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން އދ.އިން ބޭނުން ނުވާކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިިނިސްޓްރީގެވެބްސައިޓްގައިވާ ބަޔާނެއްގައި ވަނީ، އދ.ގެ މައި މަރުކަޒުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއާ ބައްދަލުކުރައްވައިބާންކީ މޫން ދެއްކެވި ވާހަކަފުޅުގައި، އޭނާ ވެސް އަދި އދ.އިން ވެސް ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވި ކަމަށެވެ.
"ދިވެހިރާއްޖޭގެ ދާޚިލީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނާކަށް އަހަރެމެން ބޭނުމެއް ނުވޭ،" ބާންކީ މޫން ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިދިޔަ ބުދަ ދުވަހު އދ.ގެ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށް ގެންދިޔަ އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސީޔާސީ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްވަރާތަކަށް ބާންކީ މޫން މަރުހަބާ ވިދާޅުވި ކަމަށެވެ.
ފޮރިން މިނިސްޓަރު ދުންޔާއާ އެކު ބާންކީ މޫން ބޭއްވެވި ބައްދަލުވުމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަންދާ މެދު ރާއްޖެ އާއި ބޭރު ދުނިޔޭގެ ކަންބޮޑުވުން އޮތް ކަން ފާހަގަ ކުރައްވައި ނަޝީދަށް މާފު ދެއްވުމަށް ބަންކީ މޫން އެދިވަޑައިގެންފައިވާ ކަމަށް އދ.ގެވެބްސައިޓުގައިވަނީ ބުނެފަ އެވެ.
ބާންކީ މޫންއާ އެކު ދުންޔާ ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރާއި ޔޫއެންއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު ޢަހުމަދު ސަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.