ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ވެރިކަން ކުރައްވާނީ، ރައީސް ނަޝީދަށްވުރެ ބޮޑަށް ޒާތީ ތައައްސުބާއި ބަދަލު ހިފުމުގެ ރޫހުގައި ކަމަށް އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

ޑީއާރްޕީގެ ޒައީމު އަލްއުސްތާޒު މައުމޫނު އަބުދުލް ގައްޔޫމުގެ ފެކްޝަނުން ސުނާމީ ބިނާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ތަސްމީނަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން މަހްލޫފު ވިދާޅުވީ، ޑީއާރްޕީއަށް ބޭނުންވަނީ، ގައުމު މިހާރު އޮތް ނިކަމެތި، ބިރުވެރި ހާލަތުން ސަލާމަތް ކުރެވޭވަރުގެ ލީޑަރެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި ވެރިކަން ބަދަލުކުރާކަށް ނޫން. ހަމައެކަނި ޑީއާރްޕީއަށް ވެރިކަން ހޯދާކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ، ގައުމަށް މިހާރު ދިމާވެފައިވާ ނިކަމެތި، ބިރުވެރި ހާލަތުން ސަލާމަތްކޮށް ގައުމަށް އަމާންކަން ހޯދައިދެވޭފަދަ ލީޑަރެއް. ތަސްމީނަކީ އެފަދަ ގާބިލުކަމެއް ހުންނެވި ލީޑަރެއް ނޫން،" މަހުލޫފް ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި މަހްލޫފު ވޯޓު ދެއްވާފައިވަނީ، ޕާޓީގެ ތްރީލައިން ވިޕާ ހިލާފަށް ކަމަށް ބުނެ ފިޔަވަޅު އަޅަން ނިންމާފައިވާތީ، މަހްލޫފު ވިދާޅުވީ، އެ ވޯޓުގައި ތްރީލައިންވިޕާ ހިލާފުވީ، ތަސްމީނަށް އިބްރަތެއް ހާސިލްކޮށް ދިނުގެ ގޮތުން ކަމަށެވެ. ނަމަވެސް އެ ވޯޓުގައި، ބްރޯޑްކާސްޓިން ކޮމިޝަނަށް މަހްލޫފުގެ ދައްތަ، މުއުމިނާ އާދަމް ހޮވިވަޑައިގަތީ، އޭނާ ވޯޓު ދެއްވައިގެން ނޫން ކަމަށާއި، މުއުމިނާއަށް އޭނާ ދެއްވީ ނުފެންނަކަމުގެ ވޯޓު ކަމަށް ވެސް ވިދާޅުވި އެވެ. މަހްލޫފު ވިދާޅުވީ ޕާޓީން ނެރޭ ތްރީލައިން ވިޕް މިހާތަން ބްރޭކް ކޮށްފައިވަނީ އޭނާ އެކަނި ނޫން ކަމަށާއި، ޕާޓީގެ ލީޑަރު ތަސްމީން އަލީ އާއި ޑިޕިއުޓީ ލީޑައު އަލީ ވަހީދުގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް ތްރީލައިން ވިޕާ ހިލާފްވެފައިވާ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޭރު ގައުމުތަކުން ލިބޭ ތަފާތު ފުރުސަތުތަކަށް މެންބަރުން ފޮނުވުމުގައި ތަސްމީން އަމަލުކުރައްވާ ގޮތަށް ވެސް މަހްލޫފު ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެފަދަ ފުރުސަރުތައް ދެއްވަނީ ވެސް މަޖިލީހުގައި ތިއްބަވާ، ތަސްމީނުގެ ގާތް މެންބަރުންނަށް ކަމަށެވެ.