20 Apr 2010, 10:14
ސިވިލް ސާވިސްގެ ބަހެއް ނެތަސް ސިވިލް ސާވިސްގެ މުވައްޒަފުން ގެއަށް ފޮނުވާލުމުގެ ބާރު ސިޔާސީ ފަރާތްތަކަށް ލިބިގެންވާ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރިއަށްދިޔަ ސުވާލުކުރުމުގެ ވަގުތުގައ ޝިހާބު ވިދާޅުވީ، ސަރުކާރުގެ އޮފީސްތައް އުފެދިފައި ހުންނަނީ ރައްޔިތުންނަށް ހިދުމަތް ދޭން ކަމަށްވާއިރު އެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތަކަށް ދެވޭނެ ގޮތަށް ކަންތައްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. އަދި އެންމެ އެކަށީގެންވާ ގޮތަށް ހިދުމަތް ދެވޭނެ ގޮތަށް ކަންތައްތައް ރޭވުމަކީ އެ ވަގުތަކު އެ އޮފީހެއް ހިންގެވުމާ ހަވާލުވެ ހުންނެވި އެންމެ އިސް ވެރިއެއްގެ މަސްއޫލިއްޔަތަކަށް ވާއިރު އެ ގޮތަށް އަމަލު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ.
ސިވިލްސަރވިސްގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް, ތ. ދިޔަމިގިލީ ރަށު ކައުންސިލަރ ޢަދުނާނު ޢަލީ، އެ ރަށު ކަތީބް އިބްރާހީމް އަޙްމަދު ދީދީ ގެއަށްފޮނުވާލި މައްސަލައާ ބެހޭގޮތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ހޯމް މިނިސްޓަރ މުޙަންމަދު ޝިހާބާ ކުރެއްވި ސުވާލަށް ޝިހާބު ވިދާޅުވީ އެ ފިޔަވަޅު އެޅުއްވީ އޭނާގެ ބައެއް އަމަލުތައް ހުންނަ ގޮތުން އޮފީހުގެ މަސައްކަތްތަކަށް ދަތިވެ، އޭގެ ސަބަބުން އޮފީހުގެ މަސްލަހަތު ގެއްލެމުންދާތީ އާއި އެ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވި މައްސަލަތަކާ މެދު ފިޔަވަޅު އެޅުން ލަސްވަމުންދާތީ އެ ނޫން ގޮތެއް ނެތިގެން ކަމަށެވެ. އަދި ކަތީބު ގޭގައި މަޑުކުރައްވަން އެންގެވުމާއެކު ހޯމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ ބެއްލެވުމުގެ ދަށުން ތ. އަތޮޅު އޮފީހާއި މެދު ޕްރޮވިންސް އޮފީހުގެ އިތުރުން ހޯމް މިނިސްޓްރީން ވެސް އެކަން ބަލާފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.