އަންނަ އާދިއްތަ ދުވަހު އައްޑޫ ސިޓީގައި ކުޅުމަށް ހަމަޖެހިފައިވާ ޕްރެޒިޑެންޓް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް ރައީސްލުޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބަދަލުގައި ވަޑައިގަންނަވާނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރުކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދު ސަން އަށް ވިދާޅުވީ އެ މެޗު ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ޔާމީން ވަޑައިނުގަންވަން ނިންމެވީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.

ބައްސާމް ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހިތާމަވެރި ހާދިސާ ހިނގިތާ އެއްދުވަސްފަހުން ވެސް އެ މެޗު ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ސަލާމަތީ ކަންކަން ހުރިގޮތުން ދަތުރު ކުރުން އެހާ ރަނގަޅު ނުވާތީ ވަޑައިނުގަންނަވަން ނިންމަވައި އެކަން މިއަދު އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ ލޯންޗުކޮޅުގައި ހިނގި އެއްޗެއް ގޮވުމުގެ ހާދިސާއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ބޭނުންފުޅުވަނީ ރައީސް ޔާމީނާއި މެޑަމް ފާތިމަތު އިބްރާހީމްގެ އަރިހުގައި ހުންނަވަން ކަމަށެވެ. އެހެންކަމުން އެ މެޗު ޝަރަފްވެރިކޮށްދެއްވަން ވަޑައިގަނެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

ޕްރެޒިޑެންޓް ކަޕަކީ ރައީސްލްޖުމުހޫރިއްޔާގެ ވަދައިގެ ތައްޓަށް ކުޅޭ މުބާރާތެކެވެ. އެމުބާރާތުގެ ފައިނަލް މެޗްގެ އިނާމް ދެއްވުމަށް އަބަދުވެސް ވަޑައިގަންވަނީ އޭރެއްގައި ހުންނަ ރައީސްލުޖުމްހޫރިއްޔާއެވެ.

ކުރިން މި ދިޔަ މަހު 29 ވަނަ ދުވަހު ކުޅެން އޮތް ފައިނަލް މެޗް މިއަންނަ އަދިއްތަ ދުވަހު ކުޅޭ ގޮތަށް ހަމަޖެއްސީވެސް ރާއްޖެއިން ބޭރުގައި ހުންނެވުމުން ރައީސް ޔާމީނަށް ވަޑައި ނުގެންނެވޭތީ އެވެ.