01 Oct 2015, 20:51
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މާފު ދިނުމަށް އދ.ގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫންގޮވާލައްވައިފިއެވެ.
ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ އެކު އިއްޔެ ބޭވި ބައްދަލުވުމުގައި ރާއްޖެ އާއި ބޭރު ދުނިޔޭގެ ކަންބޮޑުވުން ނަޝީދުގެ ބަންދާ މެދު އޮތް ކަން ފާހަގަ ކުރައްވައި ނަޝީދު ދޫކޮށްލުމަށް ބަންކީ މޫން އެދިވަޑައިގެންފައިވާ ކަމަށް އދ.ގެވެބްސައިޓުގައިވަނީ ބުނެފަ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ގޮތާއި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކާ ބެހޭ ގޮތުން ވެސް މިނިސްޓަރު ދުންޔާއާ އެކު ބޭއްވި ބައްދަލުވުމުގައި ބަންކީ މޫން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
މި އަހަރަށް ފަހު ދުނިޔޭގެ ގައުމުތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ތަރައްގީގެ އެޖެންޑާ އެކުލަވައިލުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރާއްޖޭން އަދާކޮށްފައިވާ ދައުރަށް ޓަކައި ބާންކީ މޫން ދުންޔާއަށް ވަނީމަރުހަބާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަހަރު ފަހުކޮޅު ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ ބައްދަލުވުމުގައި ބާރު ހުރި މުއާހަދާއެއް އެކުލަވައިލުމަށް ބަންކީ މޫން ގޮވައިލައްވަމުން ގެންދަވާ ގޮވައިލެއްވުން ކުރިއަށް ގެންދެވުމަށް ބައްދަލުވުމުގައި ދުންޔާ އެދިވަޑައިގެންނެވި އެވެ.
ބާންކީ މޫންއާ އެކު ދުންޔާ ބޭއްވެވި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަސީރާއި ޔޫއެންއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު ޢަހުމަދު ސަރީރު ބައިވެރިވެވަޑައިގެންނެވި އެވެ.
ނަޝީދަށް މާފު ދިނުމަށް ބަންކީ މޫން ގޮވާލައްވާފައިވާ އިރު އދ.ގެ ވޯކިންގް ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އަށް ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލައަށް ތާއީދުކޮށް ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް އދ. އިން ވަނީ ނިންމައިފަ އެވެ.
އދ.ގެ އެ ނިންމުން ބަލައި ނުގަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.