01 Oct 2015, 20:37
ވ. ކެޔޮދޫ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ސަން"އަށް ވިދާޅުވީ ކެޔޮދޫ ކައިރި ޑިންގީއަަކާއި ލޯންޗެއް ޖެހި ހާދިސާއެއް ހިނގިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ.
ކެޔޮދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި ހަތަރު ބިދޭސީއަކު ޒަހަމްވެގެން އެ މަރުކަޒަަށް ގެންގޮސްފައިވާ ކަމަށާއި އޭގެތެރެއިން އެކަކުގެ ބުރަކަށި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ވ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވި އެވެ.

ލޯންޗުގައި ޖެހި އެކްސިޑެންޓުވި ޑިންގީގައި ފުލުހެއް ހަރަކާތްތެރިވަނީ-- ސަން ފޮޓޯ/ ކިޔުންތެރިއެއް
އެހާދިސާގައި ޒަހަމްވި އަނެއް ތިން މީހުންގެ ތެރެއިން ދެމީހެއްގެ ފައި އަދި އެކަކުގެ ފައިގެ ހަށިމަތި ޒަހަމްވެފައިވާ ކަމަށާއި އެމީހުންނަށް މިހާރު ކެޔޮދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް އެ މަރުކަޒުގެ އޮފިޝަލު ވިދާޅުވި އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މިހާރަކަށް އައިސް ކަނޑުމަތީގެ ހާދިސާތަށް ގިނަވެ، ގިނަ ބަޔަކަށް ގެއްލުން ލިބެމުންދާތީ ކަނޑު ދަތުރުކުރައްވާއިރު ގަވާއިދުތަކަށް ބޯލަބައި ސަލާމަތީ ކަންކަން ވަރުގަދަކޮށްގެން ދަތުރު ކުރުމަށް ފުލުހުންނާއި ސިފައި ވަނީ އިލްތިމާސްކޮށްފަ އެވެ.