ޕެރިސް (އޭޕީ) - ފްރާންސްގެ ވެރިރަށް ޕެރިހުގެ މަގުތަކުން ކުނީގެ ގޮތުގައި އަހަރެއްގެ ތޭރޭގައި 350 ޓަނުގެ ސިނގިރޭޓް ފިލްޓަރު ހޮވަން ޖެހޭތީ، މަގުމައްޗަށް ސިނގިރޭޓް ފިލްޓަރު އުކާ މީހުން 76 ޑޮލަރު (1171.92 ރުފިޔާ) އިން ޖޫރިމަނާކުރާން ނިންމައިފި އެވެ.

ޕެރިހުގެ ސިޓީހޯލުން ބުނެފައި ވަނީ، ބުރާސްފަތި ދުވަހުން ފެށިގެން، މަގުމައްޗަށް ސިނގިރޭޓް ފިލްޓަރު އެއްލައިލަނިކޮށް ފެނިއްޖެ ނަމަ އެމީހަކު ޖޫރިމަނާ ކުރެވޭނޭ ކަމަށެވެ.

"ކޮންމެ ދުވަހަކުހެން ކުރަމުންދާ މި މުޑުދާރު އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި" ނެރުނު އާ ގަވައިދު ފުރިހަމައަށް ތަންފީޒުކުރުމަށް، ވިޔަފާރިކުރާ ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ވެސް ސިޓީހޯލުން އެދިފައި ވެއެވެ.

އެގޮތުން ޕެރިހުގެ ކަމާގުޅޭ އިދާރާތަކުން މިއަހަރު ތެރޭގައި ވަނީ، އެ ސިޓީގެ މަގުތަކުގައި އަޅިކެނޑިއާ އެކު ހުންނަ 30،000 ޑަސްބިން ބަހައްޓައިފައެވެ.

ސިނގިރޭޓް ފިލްޓަރުގެ ސަބަބުން މަގުތައް "ހަޑިވުމުގެ އިތުރުން" އޭގައި ހުންނަ ވިހަ މާއްދާތަކުގެ ސަބަބުން ބިންގަނޑާއި ފެން ތަޣައްޔަރުވުމުގެ ފުރުސަތު އޮތްކަމަށް ވެސް ޕެރިސް ސިޓީހޯލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފްރާންސްގައި 2008 ވަނަ އަހަރުން ފެށިގެން ވަނީ އެގައުމުގެ އާންމު އިމާރާތްތަކާއި، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައެވެ. އެހެން ނަމަވެސް އެގައުމުގެ 30 އިންސައްތަ މީހުންނަކީ އަދިވެސް އާންމުކޮށް ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނެވެ.