މައްޗަންގޮޅި ވިމެން ސްޕޯޓްސް އެންޑް ރެކްރިއޭޝަނަލް ކުލަބުގެ މައްޗަށް 49 ގެ ތާފަތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ދަ ގްރޭންޑެސް އަމިގޯސް ނިއު ޖެނަރޭޝަން ސްޕޯޓްސް ކުލަބު (ދަގޭންގު) އިން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގައި ދަގޭންގުން 68 ޕޮއިންޓް ހޯދިއިރު މައްޗަންގޮޅި ވިމެން ސްޕޯޓްސްއަށް ހޯދިފައިވަނީ 19 ޕޮއިންޓެވެ.

ނަވާރަ ޕޮއިންޓް ހޯދައި ފައިނަލް މެޗްގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަގޭންގުގެ އާމިނަތު ޝިއުރާއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ދަގޭންގުގެ ކޯޗް އުނޭޝް އަފްރާހެވެ.

މުބާރަތުގެ އެންމެ ވެލިއުބަލް ކުޅުންތެރިޔަކަށް ހޮވުނީ ދަގޭންގުގެ އާމިނަތު ރިޝްމާއެވެ.

މުޅި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔަކަށް ހޮވުނީވެސް ރިޝްމައެވެ. އޭނަ ވަނީ 168 ޕޮއިންޓް ހޯދާފައެވެ.

އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔަކަށް ހޮވުނީ ޝިއުރާއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލް މެޗް މިރޭ 9:30 ގައި ފަށާގޮތަށް ވަނީ ހަމަ ޖެހިފައެވެ.

ފިރިހެން ޑިވިޝަން ފައިނަލް މެޗްގައި ބައްދަލު ކުރާނީ ޓީރެކްސްއާ ރެޑްލައިން ކުލަބެވެ.