24 Mar 2011, 19:55
ކޯޓުތަކުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު މަސައްކަތް ހުއްޓާލާފައިވާ ހުޅުމާލޭ ކޯޓް މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ނެރުން ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ ކޯޓް މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ނިންމީ މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ހުޅުމާލޭ ކޯޓް މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި ހިންގުމުގެ އިތުރުން ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓް ގާއިމް ކުރުމުގެ މަސައްކަތް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންގެ ލަފާގެ މަތިން ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ކޯޓުތަކުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ގާނޫނީ ބައެއް ފަރާތްތަކުން ދަނީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާމެދު ސުވާލު އުފައްދަމުންނެވެ. އެ މައްސަލަޖެހެން ދިމާވީ މާލޭގައި ހުންނާނީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓު އަދި ފެމިލީ ކޯޓު ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނެފައިވާތީ އެވެ.