01 Oct 2015, 17:48
މާފަންނުގައި ހުރި އިމާރާތެއްގެ ފަސް ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓިއްޖެ އެވެ.
އިމާރާތެއްގެ ފަސް ވަނަ ބުރިން ވެއްޓި، ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ މ. ކުރެދިވަރުއާގޭގައި ކަމަށެވެ. އެ އިމާރާތަކީ މަޖީދީމަގުގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރަ ހިންގާ އިމާރާތެވެ. އެ އިމާރާތަކީ ހަ ބުރިއަށް ނަގާފައިވާ އިމާރާތެކެވެ.
މަންޒަރު ދުށް މީހަކު ސަންއަށް ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު "ހަރަކާތެއް ނެތް" ކަމަށާއި ނޭފަތުން ލޭ ފައިބަމުން ދިޔަ ކަމަށެވެ. އަދި އެ ކުއްޖާ އައިޖީއެމްއެޗަށް ގެންދިޔައީ ޕްރައިވެޓް ކާރެއްގައި ކަމަށް މަންޒަރު ދުއް މީހާ ބުންޏެވެ.
އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު "ސަން"އަށް ވިދާޅުވީ އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު އިނގޭނީ ސީޓީ ސްކޭން ހެދުމުން ކަމަށާއި މިހާރު އެ ޕްރޮސެސް ކުރިއަށްދާ ކަމަށް ޒީނަތު ވިދާޅުވި އެވެ.