01 Oct 2015, 19:22
ފީފާގެ ފުޓްބޯޅަ ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ރާއްޖެއަށް ދެކުނު އޭޝިއާގެ ތިން ވަނަ ލިބިއްޖެ އެވެ.
ފީފާއިން ކޮންމެ މަހަކު އާންމު ކުރާ ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިން އިއުލާން ކުރިއިރު މި ސަރަހައްދުގެ އެއް ވަނާގައި މިފަހަރުވެސް އޮތީ އިންޑިއާ އެވެ.
މި މަހު ރޭންކިންގައި ރާއްޖެއަށް ސަރަހައްދުގެ ތިން ވަނަ ލިބޭއިރު ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 176 ވަނައިގައެވެ.
ސަރަހައްދުގެ އެއް ވަނަ އިންޑިއާއަށް ލިބުނު ނަމަވެސް އެ ޓީމުގެ ވަނީ 12 ދަރަޖައިގެ ވެއްޓުމަކާ ކުރިމަތިވެފަ އެވެ. އެ ޓީމަށް ލިބެނީ ރޭންކިންގެ 167 ވަނައެވެ.
ސަރަހައްދުގެ ދެ ވަނައިގައި ބޫޓާން އޮތީ ނުވަ ދަރަޖައިގެ ވެއްޓުމަކާއެކު ރޭންކިންގެ 173 ވަނައިގަ އެވެ.
ސަރަހައްދުގެ އެންމެ ފުލުގައި އޮތީ ރޭންކިންގެ 191 ވަނައިގައި އޮތް އަވައްޓެރި ޝުރީ ލަންކާއެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ހިމެނޭ އަފުގާނިސްތާން އޮތީ 20 ދަރަޖައިގެ ވެއްޓުމަކާއެކު ރޭންކިންގެ 150 ވަނައިގަ އެވެ.
އޭޝިއާ ސަރަހައްދުން އެއް ވަނާގައި އޮތީ ރޭންކިންގެ 39 ވަނައިގައި އޮތް އީރާންއެވެ.
އޭޝިއަން ކަޕްގެ ޗެމްޕިއަން އޮސްޓޭރޭލިއާ އޮތީ ރޭންކިންގެ 58 ވަނައިގައި އޭޝިއާގެ ހަތަރު ވަނައިގައެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތީ އާޖެންޓީނާއެވެ. ދެ ވަނައިގައި އޮތީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ. ޖަރުމަން އޮތީ ޔޫރަޕްގެ އެއްވަނައިގަ އެވެ.
ކުރިން ދުނިޔޭގެ އެއް ވަނަ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އަލުން ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ. އެޓީމު އޮތީ ދުނިޔޭގެ ހަ ވަނައިގައެވެ. އެޓީމަށް ލިބެނީ ޔޫރަޕްގެ ހަތަރު ވަނަ އެވެ.
ކޮޕާ އެމެރިކާގެ ޗެމްޕިއަން ޗިލީ އޮތީ ރޭންކިންގެ ނުވަ ވަނައެވެ. އެޓީމު އޮތީ އެޓީމު އޮތީ ދެކުނު އެމެރިކާގެ ހަތަރު ވަނައިގައެވެ.
އެފްރިކާ ސަރަހައްދުން އެއް ވަނައިގައި އޮތީ އަލްޖީރިއާއެވެ. އެޓީމު އޮތީ ރޭންކިންގެ 19 ވަނައިގައެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންގެ ޗެމްޕިއަން އައިވަރީކޯސްޓް އޮތީ ރޭންކިންގެ 21 ވަނައިގައެވެ. އެޓީމު އޮތީ ސަރަހައްދުގެ ދެ ވަނައިގައެވެ.
އުތުރު އެމެރިކާ ބައްރުން އެއް ވަނައިގައި އޮތީ ރޭންކިންގެ 27 ވަނައިގައި އޮތް މެކްސިކޯއެވެ.
އޯޝޭނިއާގެ ސަރހައްދުން އެއްވަނައިގައި އޮތީ ސަރަހައްދުގެ ޗެމްޕިއަން ނިއުޒިލެންޑެވެ. އެޓީމު އޮތީ 148 ވަނައިގައެވެ.
ރޭންކިންގެ އެންމެ ފުލުގައި އޮތީ ބަހާމާސްއެވެ. ކުރިއެރުމެއް ވެސް އަދި ވެއްޓުމެއްވެސް ނެތި އެ ޓީމު އޮތީ 208 ވަނައިގައެވެ.