01 Oct 2015, 16:32
ވޯލްޑް ސީރީސް އޮފް ވީޑިއޯ ގޭމްސް (ޑަބްލިއުއެސްވީޖީ) ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ހަމަޖައްސައިފިއެވެ.
މިއަދު ހެނދުނު ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެސްވީޖީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ވިޝްޕްރާތާ ވިދާޅުވީ އެ މުބާރާތް އޮންނާނީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ދިހަ ވަނަ ދުވަހުގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކަމަށެވެ.
އެ މުބާރާތައް ޑަބްލިއުއެސްވީޖީ ގެ ފަރާތުން ދުނިޔޭގެ ފެންވަރުގެ ހަތަރު ގޭމަކުން ޗެމްޕިއަންކަން ހޯދާފައިވާ ހަތަރު ކުޅުންތެރިން ގެނައުމަށް ވަނީ ނިންމާފައެވެ. އެ ހަތަރު ކުޅުންތެރިން ވާދަކުރާނީ މިހާރު ރާއްޖެއިން އެ މުބާރާތަށް ކޮލިފައިވެފައި ތިބި ކުޅުންތެރިންނާ ކަމަށް ވެސް ވިޝްޕްރާތާ ވިދާޅުވިއެވެ.
އެ މުބާރާތުގައި ހަތަރު ގޭމެއްގެ އިވެންޓް ކުރިއަށް ދާނެއެވެ. އެއީ ފީފާ 2015، ހާތުސްޓޯން، ސްޓާކްރާފްޓް އަދި އޭޖް އޮފް އެމްޕަޔާސް އެވެ.
"ފީފާ 2015" ގޭމްގެ ޗެމްޕިއަން ކުޅުންތެރިޔާ އަށް 10،000 ޑޮލަރު ހުށަހަޅާފައިވާއިރު އަނެއް ތިން ގޭމުގެ ޗެމްޕިއަން ކުޅުންތެރިޔަކަށް 20،000 ޑޮލަރު ވަނީ ހުށަހަޅާފައެވެ.
ޓީވީއެމް އިންނާއި ބައިނަލްއަގުވާމި ދެ ޓީވީ ޗެނަލަކުން ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.