01 Oct 2015, 16:16
އައްޑޫ ސިޓީގެ ހުޅުދޫން މާލެ އަށް ދަތުރުކުރަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ގއ. ދާންދޫ ކައިރީ އޮންނަ ފަރަކަށް އެރި ސ. ހުޅުދޫ ހުސައިން މުހައްމަދުގެ ސްޕީޑް ބޯޓް ފަސް ދުވަސް ފަހުން މިއަދު ފުންކޮށްފި އެވެ.
ހުސައިން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެ ބޯޓު ފުން ކުރެވުނު އިރު ބޯޓުގެ ބަނޑުފިލައި ފަޅައިގެން ގޮސް، ބޯޓު އޮތީ ދެފެންދޭތެރޭ އަޑީގައި ކަމަށާއި ދެން މަސައްކަތް ކުރާނީ ބޯޓު ހުޅުދު އަށް އަވަހަށް ގެންދިއުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓު ބޭނުން ކުރަން ފެށޭނީ ބޮޑު މަރާމާތެއްކޮށްގެން ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ބޯޓު ފަރަށް އެރި އިރު ބޯޓުގައި ތިބީ ކުޑަ ތިން ކުދިންނާ އެކު ފަސް މީހުން ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ. އަދި އެ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ އެ ބޯޓު ފުން ކުރުމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް)ގެ އެހީ އާއި ސަރުކާރުގެ ވަރަށް ބޮޑެތި އެހީތައް ލިބުނު ކަމަށެވެ.
އޭނާ ވިދާޅުވީ ބޯޓު ފުން ކުރުމަށް ޝާޑުގެ ކަންނެލި ދޯންޏެއް މީހުންނާއި އަދި ކޯބޯތަކެއްޗާއި ބޯފެނާއި ފީފާތަކާ އެކު އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ. އަދި ދާދިދެންމެ އަކު ބޯޓު ފުން ކުރެވެންދެން ވެސް އެ ދޯނި ހަރަކާތްތެރި ކަމަށެވެ. އޭގެ އިތުރަށް ބޯޓް ފަރުމައްޗަށް އެރި ވަގުތުން ފެށިގެން މިފްކޯގެ ކަލަމިންޖާ ބޯޓެއް އެ ބޯޓު ކައިރިއަށް ދިޔަ ކަމަށާއި މިއަދު ބޯޓު ދަމައިގަތީ ވެސް ކަލަމިންޖާގެ ކަފުގައި ޖަހައިގެން ކަމަށެވެ. އަދި ވިދާޅުވީ އެމްއެންޑީއެފްގެ ލޯންޗުތައް ވެސް އަބަދުވެސް އެހީތެރިވަމުން އައި ކަމަށެވެ.
އޭނާ ވިދާޅުވީ ބޯޓު ފަރަށް އެރީ ކީއްވެގެންކަން ނޭނގޭ ކަމަށާއި އައްޑު އާއި މާލެ އާ ދޭތެރޭ އެ ބޯޓު ދަތުރު ކުރާތާ އެތައް ޒަމާނެއް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބޯޓު ފަރަށް އެރި އިރު ބޯޓުގައި ހުންނާނީ ކާއްޓާއި ފަތްކެޔޮ ކަމަށެވެ. އަދި އެ ތަކެތި މިހާރު އުކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.