24 Mar 2011, 19:51
މާލޭގެ އަވަށު އިދާރާތައް އުވާލައި، އެ އޮފީސްތަކުންދޭ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި މާލެ ސިޓީ ކައުންސިލުގެ އިދާރާއިންދޭ ގޮތަށް ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.
ސަން އަށް މައުލޫމާތުދެއްވަމުން މާލެ ސިޓީގެ މޭޔާ ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ، އުވާލަން ހަމަޖައްސައިފައި ވަނީ މިހާރު އަވަށު އިދާރާތަކަށް ބަދަލުކޮށްފައިވާ މާފަންނާއި، ހެންވޭރާއި މައްޗަންގޯޅީގެ އިތުރުން ގަލޮޅުގެ އަވަށު އޮފީސް ކަމަށެވެ. އަދި އެ ތަންތަނުން ކުރަމުން އައި މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ދެމުންގެންދާނީ ސިޓީ ކައުންސިލްގެ މައި އިދާރާއަކަށް މިހާރު ބަދަލުކޮށްފައިވާ މާލެ މުނިސިޕަލިޓީން ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
އަދި ވިލިނގިލީގައި ހުރި ކައުންސިލްގެ އިދާރާ އިން ވެސް އެ ހިދުމަތްތައްދެމުންގެންދާނެ ކަމަށާއި ހުޅުމާލޭ ގައިވެސް ވަރަށް އަވަހަށް މާލެ ސިޓީ ކައުންސިލްގެ އޮފީހެއް ހުޅުވާނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
"އަވަށު އޮފީސްތައް އުވާލުމަކީ މާކުރިން ވެސް ކުރަންވެފައި ނުވެ އޮތް ކަމެއް އަޅުގަނޑުމެންނަށް. އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުން އެގޮތަށް މި ނިންމީ. އެ ނިންމުން ތަންފީޒުކުރުމަށް ގާތްގަނޑަކަށް ދެ ހަފްތާއެއްހާ ދުވަސް ނަގާނެ،" އާދަމް މަނިކު ވިދާޅުވި އެވެ.
އަވަށު އިދާރާތައް ހިންގަމުންދިޔަ އިމާރާތްތައް ހުސްކުރުމަށް ފަހު، އެތަންތަން ބޭނުންކުރާނީ އިޖުތިމާއީ ހިދުމަތްތައް ދިނުމަށް ކަމަށް ވެސް މޭޔާރު ވިދާޅުވި އެވެ.
"އެތަންތަނުގައި ދެވެން އޮތް އެންމެ ރަނގަޅު އިޖުތިމާއީ ހިދުމަތްތައް ދެވޭތޯ ބަލާނީ. މިސާލަކަށް ބުނަންޏާ މާލޭގައި ނެތެއް ނޫންތޯ ޑޭކެއާ ސެންޓަރެއެއް ވެސް. އެކަން ކުރަން ޝައުގުވެރިވާ ފަރާތަކަށް ހުޅުވައިލައިގެން އެފަދަ ތަނެއް ވެސް ހިންގިދާނެނޫންތޯ އަޅުގަނޑުމެންނަށް،" އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މުޅިން އަލަށް ސިޓީ ކައުންސިލްގެ މަސައްކަތް ފަށައިގަންނައިރު ދިމާވާ ގިނަ ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށާއި އެކަންކަން ރަނގަޅަށް މެނޭޖްކޮށް، ސިޓީ ކައުންސިލްގެ މަސައްކަތް ހިނގައިގަންނަން އަދި ވަގުތު ނަގާނެ ކަމަށެވެ. ނަމަވެސް، މާލެ ސިޓީ ކައުންސިލުގެ ވިސްނުން އަބަދުވެސް އޮންނާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަމަށާއި އެހެން އަތޮޅުތަކުގެ ކައުންސިލްތަކުން ކަންތައްކުރާ ގޮތަށް ސަރުކާރަށް ހުރަސް އެޅުމަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މާލެ ސިޓީ ކައުންސިލްގެ މެމްބަރުންގެ އޮފީހަކަށް ހުރަވީ ބިލްޑިންގައި ހުރި ކުރީގެ އިމިގްރޭޝަން އޮފީސް މިހާރު ވަނީ ހައުސިން މިނިސްޓްރީން ހަމަޖައްސައިދީފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، މީގެ ދެހަފްތާއެއްހާ ދުވަސްކުރިން އެ އޮފީސް ވަނީ ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.
މޭޔާ އާދަމް މަނިކު ވިދާޅުވީ، އެ އޮފީސް މަރާމާތުކޮށް، ކައުންސިލަރުންނަށް މަސައްކަތްކުރެއްވޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށާއި މަހެއްހާ ދުވަހުގެ ތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ކައުންސިލްގެ އިދާރީ އިންތިޒާމްތައް ވެސް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.