މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް، އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން މިއަދު ވަނީ އަތޮޅުތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފައެވެ. މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ލިސްޓުގައިޖީއެސްޓީ ނުދައްކާ82 ފަރާތެއްގެ ނަން ހިމެނެއެވެ.

"ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ. އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ." މީރާއިން ބުންޏެވެ.

މީރާއިން ބުނީ ނަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.