01 Oct 2015, 16:24
ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ"ގައި އެއްޗެއް ގޮވި ހާދިސާގެ ތަހުގީގަށް ބޭނުންވާ ފޮރިންސިކް އެހީ ފޯރުކޮށްދިނުމަށް ސްރީލަންކާ އިން ހަތަރު މީހަކު ރާއްޖެ އަތުވެއްޖެ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ތަހުގީގު ކުރުމުގެ ދާއިރާގެ ހަތަރު މާހިރުން ރާއްޖެ މިއަދު ހެނދުނު އައިސްފައިވާ ކަމަށެވެ.
ފިނިމެންމާ ލޯންޗުގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބު ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. ސްރީލަންކާ އިން އައި ހަތަރު މީހުން ދަނީ ބޭރުގެ އެހެން ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ، ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަށް ހޯމަ ދުވަހު ހެނދުނު ވަޑައިގެން ހުޅުލެއިން މާލެއަށް ދަތުރުކުރައްވައި އިއްޒުންދީން ފަލަމާ ލޯންޗު ގާތްކުރަނިކޮށެވެ.
އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުންގެ މައިބަދައިގެ ހަތަރު ތަނެއްގައި ރެނދުލައިފައިވާ އިރު، ރައީސް އޮފީހުގެ މުވައްޒަފަކާއި ރައީސްގެ ބޮޑީގާޑަކަށް ވަނީ އަނިޔާވެފަ އެވެ.