01 Oct 2015, 16:07
މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅައިބަލާއިރު މިއަހަރު އޮގަސްޓްމަހު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓް މަހު ރާއްޖެ އައިސްފައި ވަނީ 110،144 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 104،186 ފަތުރުވެރިންނެވެ.
އެހެންކަމުން އެއީ 5.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ ޖުމްލަ 823،766 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 2.2 ޕަސެންޓްގެ ކުރިއެރުމެކެވެ.
އޮގަސްޓްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ވަކިވަކި ގައުމުތަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ޗައިނާ އިންނެވެ. އެގޮތުން އެ ގައުމުން 40،850 ފަތުރުވެރިން ވަނީ އޮގަސްޓްމަހުގެ ތެރޭގައި ރާއްޖެއަށް އައިސްފަ އެވެ.
ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެ ސަރަހައްދުން 7805 ފަތުރުވެރިން ރާއްޖެއަށް އައި އިރު އެންމެ ގިނަ ފަތުރުވެރިން އައީ އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ. އެސަރަހައްދުން 60،856 ފަތުރުވެރިން އައިސްފައިވެ އެވެ.
ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ސަރަހައްދުކަމަށްވާ ޔޫރަޕުން އައީ 39،881 ފަތުރުވެރިންނެވެ.