ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދަށް ރުހުން ނުލިބެނީސް ދައުލަތް ހިމެނޭ މައްސަލައެއް ނުބައްލަވަން ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ނިންމަވާފައިވާތީ އެކަމުގެ އަދަބެއްގެ ގޮތުން އޭނާ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ނައީމް ޖުވެނައިލް ކޯޓަށް ބަދަލު ކުރުމަށް އެ މައްސަލަ ބެލި ތަހުގީގު ކޮމެޓީގެ މެންބަރުން އިއްތިފާގުވެފައިވާ ކަމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް މިއަދު ޖޭއެސްސީގެ ޖަލްސާގެ ވެސް އިއްތިފާގުން ކަމަށެވެ.

ގާޒީ ނައީމް ވިދާޅުވީ އޭނާ ޖުވެނައިލް ކޯޓަށް ބަދަލު ކުރިކަން ރަސްމީ އެއްވެސް ސިފައެއްގައި މިހާތަނަށް އަންގަވާފައިނުވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން ކޮމެންޓެއް ދެވެން ނެތް ކަމަށް ވެސް ގާޒީ ނައީމް ވިދާޅުވި އެވެ.

ގާޒީ ނައީމަށް ފިޔަވަޅު އަޅާފައިވާއިރު އޭނާ މިހާރު ވަނީ ދައުލަތް ހިމެނޭ މައްސަލަތައް ބައްލަވަން ފަށައިފަ އެވެ.
މީގެ ކުރިން ގާޒީ ނައީމް ވިދާޅުވެފައި ވަނީ ދައުލަތް ހިމެނޭ މައްސަލަތައް ބެލުމަށް ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމަވާފައިވާ ކަމަށާއި އެކަމަކު ވެސް އޭނާ އެފަދަ މައްސަލައެއް ޑރ. ސަވާދަށް ރުހުން ނުލިބެނީސް ނުބައްލަވާނެ ކަމަށެވެ.