01 Oct 2015, 15:55
ކާބުލް (އޮކްޓޯބަރ 1): އަފްޣާނިސްތާނުގެ އުތުރުގެ ސްޓްރެޓީޖިކް ސިޓީއެއް ކަމަށްވާ ގުންދުޒް އިން ތާލިބާނުން ފައްސާލައި އަފްޣާން ސިފައިން އެރަށް މިނިވަންކޮށްފިއެވެ.
އަފްޣާން ދިފާއީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވީ، ކާމިޔާބު އަސްކަރީ އޮޕަރޭޝަނަކަށްފަހު އަފްޣާން ސިފައިން ރޭގެ ފަތިހުގެ ވަގުތެއްގައިވަނީ ގުންދުޒް އަލުން މިނިވަންކޮށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައި ކަމުގައެވެ. މިއޮޕަރޭޝަންގައި ތާލިބާނުންގެ އެތަށްބަޔަކު މަރާލާފައިވާ ކަމަށްވެސް ޚަބަރުލިބެއެވެ.
ތާލިބާނުންގެ އަތްދަށަށް ގުންދުޒް ދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ ފާއިތުވި 14 އަހަރު ތެރޭގައި ތާލިބާނުން ހޯދި އަސްކަރީ އެންމެ ބޮޑުކާމިޔާބީކަމަށް ތަޖްރިބާކާރުންވަނީ ސިފަކޮށްފައެވެ. ތާލިބާނުންގެ އަތްދަށަށް ގުންދުޒް ދިޔަދިޔުން އެމެރިކާ ސިފަކޮށްފައިވަނީ ބޮޑު ކާރިޘާއެއްގެ ގޮތުގައެވެ.
ގުންދުޒް އަލުން މިނިވަންކޮށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ އޮޕަރޭޝަން އަފްޣާން ސިފައިން ހިންގާފައިވަނީ އަފްޣާނިސްތާނުގައި ތިބޭ ނޭޓޯގެ ސިފައިންގެ އެހީއާވެސް އެކުގައެވެ. ތާލިބާނުންގެ އަތްދަށަށް ގުންދުޒް ދިޔުމުން އަފްޣާން ޕާލަމެންޓްގެ ބައެއް މެންބަރުންވަނީ އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ގެ އިސްތިއުފާއަށްވެސް ގޮވާލައްވާފައެވެ.
ޣަނީ ގެންދަވަނީ އޭނާގެ ވެރިކަމަށް އަހަރެއް ފުރުން ފާހަގަ ކުރުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ގުންދުޒް އަލުން މިނިވަންކޮށް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެރަށް ގެނައުމުގެ އޮޕަރޭޝަންގައި ސަރުކާރު ސިފައިންވަނީ އެރަށުގެ ބޮޑުބައި އެމީހުންގެ އަތްދަށަށްގެނަސްފައެވެ. ނަމަވެސް ގުންދުޒްގެ ކުދިކުދި ޕޮކެޓްތަކެއްގައި ތާލިބާނުންގެ މަދު އަދަދެއްގެ ހަނގުރާމަވެރިން ފައިހަރުކޮށްލައިގެން އަދިވެސް އެބަތިބި ކަމަށްވެއެވެ. ތާލިބާނުންވަނީ ގުންދުޒް އަލުން އަނބުރައި އަފްޣާން ސަރުކާރުގެ ދަށަށް ގެންދިޔަ ވާހަކަ ދޮގުކޮށްފައެވެ. (ބީބީސީ)