01 Oct 2015, 15:11
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ވަޑައިގެން ތިއްބެވި ދިވެހި ހައްޖާޖީން އައުމަށް ހަމަޖެހިފައިވާ ފުލައިޓުތަކުގެ ޝެޑިއުލަށް ބަދަދަލުތަކެއް އައިސް ހައްޖާޖީން އެނބުރި ރާއްޖެ އައުން ލަސްވަމުން ދަނީ ޖިއްދާ އެއާޕޯޓުގެ ޗެކިން ސިސްޓަމަށާއި އެ އެއާޕޯޓުގެ ލަގެޖު ބެލްޓުތަކަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން މެގަ މޯލްޑިވްސް އެއާލައިނުން ވަނީ ހައްޖު ކޯޕަރޭޝަންގެ ހައްޖާޖީންގެ ކެއުން އަދި ހުރުމުގެ އިންތިޒާމު ޖިއްދާގެ ހޮޓަލެއްގައި ހަމަޖައްސާދީފައި ކަމަށެވެ. އަދި މައްކާ އިން ޖިއްދާއަށް ދިއުމަށް ކަނޑައަޅާފައިވާ ބަސްތަކަށް ބަދަލު ނުގެނެވޭތީ ޖިއްދާ އަށް ދިއުމަށް ހަމަޖައްސާފައިވާ ގަޑިއަށް ހުރިހާ ހައްޖާޖީން ވަނީ މައްކާއަށް ފުރުމަށް ބަސް ދަތުރު ފަށާފައި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައި ވަނީ ޒަމްޒަމް ފެންހަން ނުލިބުނު ދެވަނަ ފުލައިޓުގެ ހައްޖާޖީންނަށް ފެންހަން ކުރިއަށް ހުރި ފްލައިޓުތަކުގައި ގެނެސްދެވޭނެ ކަމުގެ ޔަގީންކަން މެގަ މޯލްޑިވްސް އެއާލައިނުން ދީފައިވާ ކަމަށެވެ. އަދި ހަމައެއާ އެކު ޒަމްޒަމް ފެންހަން ހައްޖު ކޯޕަރޭޝަނަށް ލިބުނުހާ އަވަހަކަށް ހައްޖާޖީންނާ ހަވާލު ކުރާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ބައެއް ހައްޖާޖީން މިހާރު އެނބުރި ރާއްޖެ އައިސްފައިވީ ނަމަވެސް ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ފުރަތަމަ ފުލައިޓު ވެސް ލަސްވީ ޖިއްދާ އެއާޕޯޓުގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލައަކާ ހެދި އެވެ.