01 Oct 2015, 14:59
ޚަރަދާ ގުޅޭ މައްސަލައެއްގައި ކ. މާފުށި ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފޮނުވާފައިވާ ފެކްސް މެސެއްޖެއްގައި ބޭނުންކޮށްފައި ވަނީ، އެފަދަ ލިޔުމެއްގައި ހުރެގެން ވާނޭ އިބާރާތެއް ނޫން ކަމަށް ކަނޑައަޅައި އެ މެސެޖް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އަމުރެއްގައިބުނެފައި ވަނީ، "16 ސެޕްޓެމްބަރު 2015 ވަނަ ދުވަހު، މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ފޮނުވާފައިވާ އެ ކޯޓުގެ ނަންބަރު H-12-MC/2015/561 ފެކްސް މެސެޖުގައި ބޭނުންކޮށްފައިވާ އިބާރާތަކީ، ކޯޓުން ނިންމާ އެފަދަ ނިންމުމެއް ނުވަތަ އަންގާ އެންގުމެއްގައި ހުރެގެން ވާނެ އިބާރާތަކަށް ނުވާތީ، މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ފޮނުވާފައިވާ އެ ކޯޓުގެ ނަންބަރު H-12-MC/2015/561 ފެކްސް މެސެޖަކީ ބާތިލް މެސެޖެއް ކަމަށް ކަނޑަ އަޅައިފިން،" ކަމަށެވެ.
މާފުށި ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ހުސައިން ސޮއިކުރައްވައި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފޮނުވާފައިވާ ފެކްސް މެސެއްޖެއްކަމަށް ބުނެ ސޯޝަލް މީޑީއާގައި ދައުރުވާ ލިއުމެއްގައި "މި ރަށު ފިނިވާގޭ މޫސާ ޝަފީއުގެ ދަރިފުޅު ގެ ޚަރަދަށް އޭނާގެ މުސާރައިން ކަނޑާ، މި ކޯޓުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރަން އެންގުމުން އެކިފަހަރު އެކިވަރަށް ޖަމާކުރަމުން ތިޔަ ގެންދަވަނީ، އެ ހުކުމުގައި އޮތް އެއްޗެއް އެނގިވަޑައި ނުގަންނަވާތީތޯ؟" ބުނެ ސުވާލުކުރައްވާފައިވެ އެވެ.
ސޯޝަލް މީޑިއާގައި މީގެ ދެތިން ދުވަސް ކުރިން ފެށިގެން ވައިރަލް ވެފައިވާ، މާފުށި ކޯޓުން ފޮނުވާފައިވާ ކަމަށް ބުނާ މެސެޖްގައި ވަނީ، ކަރެކްޝަންސްގައި ތިއްބަވާ ބޭފުޅުންނަށް ތަންދޮރު އެނގޭނޭ ކަމަށް ހީކުރާ ކަމަށާއި ކޯޓުން ހުކުމެއް ކޮށްފައި އޮތިއްޔާ އެގޮތަށް އަމަލުކުރަން ޖޭހޭ ކަމަށެވެ.
އެގޮތަށް ނޭނގޭ ނަމަ އެއީ ބޮޑުވަރުކަމަށް ބުނެ މެސެޖްގައި "އެ ހުކުމުގައި އޮތްގޮތަށް އަމަލުކުރަން އެނގޭނެ ޕައްލަންބެ އަށް ވެސް، އަންމަކަޅޭ އަށް ވެސް، ޔަހްޔާއަށް ވެސް" އެނގޭނެ ކަމަށް ވެއެވެ.
ޚަރަދުގެ މައްސަލައިގައި ނިންމާފައި އޮތްގޮތް، ވަރަށް ރީތިކޮށް ހުކުމުގައި އޮންނާނޭކަމަށް ބުނެ "މިއަހަރުގެ އޭޕްރީލުން ފެށިގެން 2016 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް މަހަކު 3000ރ، 2016 ޖޫން މަހު 2600ރ" ދެއްކުމުން އެހާ ތަނަށް ނުދައްކާ އޮތް ޚަރަދު ޚަލާސްވީ ކަމަށް އެ މެސެޖްގައި ވެއެވެ.
މި ފެކްސް މެސެޖްގައި " ދެން ތަރުތީބުން ރީތިކޮށް 2016 ޖުލައި މަހުން ފެށިގެން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ގަވައިދުން ކޮންމެ މަހަކު 2000 ރުފިޔާ މަހަކު 2000ރ މަހަކު ދެހާސް މިހެންގޮސް އެ ދަރިފުޅަށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރަށް 18 އަހަރު ވަންދެން މިގޮތަށް ދައްކަމުން ދައްކަމުން ދައްކަމުންގޮސް ޚަލާސްކުރަން އަމުރުކޮށްފައި" ވާނޭ ކަމަށް ވެއެވެ.
މެސެޖްގައި އިތުރަށް ބުނެފައި ވަނީ، "ވީމާ ތަނެއް ދޮރެއް ހަމައެއް ލަމައެއް ބަލައި ނުލާ އެހެން ނުހެއްދެވުން އެދެން އެ ހުކުމުގައިވާ ގޮތަށް މިހާރު މި މެސެޖްގައި ވެސް އޮތްގޮތަށް އެފައިސާ ޖަމާކުރުމަށް ދެންނެވިން،" ކަމަށެވެ.

މާލެ އަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ފޮނުވާފައިވާ އެ ކޯޓުގެ ނަންބަރު H-12-MC/2015/561 ފެކްސް މެސެޖްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ލިޔުން --

ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ކޯޓު އަމުރު --