ހައިކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ގާޒީ އަބްދުލްބާރީ ޔޫސުފް، ސުޕްރީމްކޯޓުގެ ހުއްދައެއް ނެތި ރަށުން ބޭރަށް ފުރާފައިވަޑައިގެންފައިވާތީ އެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އިން ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ގާނޫނު އަސާސީއާއި ގާނޫތަކާ ހިލާފަށް ކަމަށް ވިދާޅުވެ، ގާޒީ ބާރީ ހުށަހެޅުއްވި އެ މައްސަލަ ކޯޓުން މިއަދު ބޭރު ކުރީ، ކޯޓުގެ ހުއްދަ ހޯދުމެއް ނެތި ބާރީ ރަށުން ބޭރަށް ވަޑައިގެންނެވުމުން ކަމަށެވެ. އަދި އެ މައްސަލަ ބޭރު ކުރިކަން މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަކަށް ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް މިއަދު ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފައި އޮތެވެ. ނަމަވެސް ބާރީ ގާޒީ ރަށުގައި ނެތުމުން އެ މައްސަލަ ބޭއްވޭ ގޮތެއް ނުވި އެވެ.

ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލަކު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރު ކުރުމުން މިހާރު އަނެއްކާ ވެސް ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަތްމައްޗަށް ދިޔައީ ކަމަށާއި އެ ކޮމިޝަނުން ބޭނުން ނަމަ އައްޔަން ކުރަންވީ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް ވިދާޅުވީ މިހާރު އެ މައްސަލައިގެ މައުލޫމާތު ހޯއްދަވަމުން ގެންދަވާ ކަމަށާއި ގާނޫނީ ގޮތުން ހުރަހެއް އޮތްތޯ ބެއްލެވުމަށްފަހު ވީ އެންމެ އަވަހަކަށް ފަނޑިޔާރުން އައްޔަން ކުރައްވާނެ ކަމަށެވެ.

ހައި ކޯޓަށް ޖޭއެސްސީން ކަނޑައެޅި ފަނޑިޔާރުންނަކީ ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރާއި އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްރައޫފް އިބްރާހިމާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ޑރ. އަޒްމަރިލްދާ ޒާހިރާއި ވަކީލު އައްބާސް ޝަރީފެވެ.