01 Oct 2015, 15:05
ރާއްޖެ ފަދަ އާބާދީގެ ގޮތުން ކުޑަ ގައުމެއްގައި އުމުރުން 65 އަހަރުން މަތީގެ އާބާދީ އިތުރުވަމުންދާ މިންވަރަކީ، ނިސްބަތުން ބޮޑު އަދަދެއް ކަމަށާއި އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތަކާއި ދިމާވާ މައްސަލަތައް ހައްލުކުރަން މިހާރުން މިހާރަށް ފިވަޅު ނާޅައިފި ނަމަ، މިއީ ކަންބޮޑުވުން އިތުރުވެގެންދާނެ ކަމެއް ކަމުގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުޙައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގައި ބަންޑާރަ ނައިބު ވިދާޅުވީ، އިތުރުވާ އާބާދީ އަށް ބަލާއިރު އުމުރުން 65 އަހަރުން މަތީގެ އާބާދީ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި 35000 އާ ކާރި ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އަދަދަކީ ރާއްޖެ ފަދަ އާބާދީގެ ގޮތުން ކުޑަ ގައުމަކަށް ނިސްބަތުން ބޮޑު އަދަދެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިފަދަ މައްސަލަތަކަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ވެސް ދިމާވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ރާއްޖޭގެ އާބާދީގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް އެފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އަނިލް ވިދާޅުވި އެވެ.
"އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މިސަރުކާރު ހަވާލުވި ހިސާބުން ފެށިގެން ވެސް އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދިނުމުގެ ގޮތުން އެފަރާތްތަކަށް ލިބެމުން ދިޔަ އިނާޔަތް ވަނީ 5000 ރުފިޔާއަށް ބޮޑުކުރެވިފައި. އަދި މިއަދު ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު 83 މިލިޔަނެއްހާ ރުފިޔާއާ ގާތްކުރާ އަދަދަކަށް ދަނީ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މާލީ އެހީތެރިކަމެއްގެ ގޮތުން މިއިނާޔަތް ފޯރުކޮށްދެވެމުންކަން ފާހަގަ ކުރަން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "އުމުރުން ދުވަސްވީމީހުނަށް އުފާވެރި ދިރިއުޅެމެއް ހޯދައިދޭނަން" މިވައުދު ތަންފީޒުކުރުމަށްޓަކައި އުމުރުން ދުވަސްވީ މީހުންނާ ބެހޭ ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
އެ ސިޔާސަތު ތަންފީޒުކުރަން ފެށުމުން މިއަދުގެ އިސްރަށްވެހިންނަށް ފޯރުކޮށްދެން ޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގަ އާއި އެމީހުންނާމެދު ހިންގާ އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހުއްޓުވުމާއި، އެމީހުންނަށް ލިބިދޭން ޖެހޭ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް ލުއިފަސޭހަވެގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އުމުރުން 65 އަހަރުން މަތީގެ ދާންމަތިވެފައިވާ ފަރާތްތަކުގެ ގާތަށް ސިއްޙީ އެހީތެރިންނާއި، ޑޮކްޓަރުން ފޮނުވައި، އެފަރާތްތަކަށް ގޭގައި ތިއްބާ ފަރުވައި ކުރެވޭނެ ޕްރޮގްރާމެއް 2014 އަހަރުވަނީ ފަށާފައި. މިޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާ އެކު މިހާރުދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެރަށެއްގައި ހުންނަ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ އެހީތެރިކަމާ އެކު އެޚިދުމަތައް އެދޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެމުން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގައި އުމުރުން 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް މިހާރު ހުރީ 4.3 ޕަސެންޓުގަ އެވެ. އަދި އުމުރުން 55 އަހަރާއި 64 އަހަރާ ދެމެދުގެ އާބާދީގެ ނިސްބަތް 4.8 ޕަސެންޓަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައި ވަނީ "ތަރައްގީވެފައިވާ ވެށީގައި ދެމެހެއްޓެނިވި ގޮތުގައި ހުރިހާ އުމުރުފުރައެއްގެ ބައިވެރިވުން،" މި ޝިއާރެވެ.